Last Updated: July 4, 11:15
Friday, July 4, 2025
ޚަބަރު

މިއަދުގެ ކުއްލި މައްސަލައިން އައިބީ އަށް ހައިރާންކަން!

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހެޅުމުން ވެރިކަން ކުރާ ޕީއެންސީގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީދީދީ (އައިބީ) އެކަމަށް ވަަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެފަދަ މައްސަލައެއް ހުށަހެޅީތީ ހައިރާންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެއްޖެ އެވެ.

އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ. މައްސަލަގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ބޮޑުކަންނެލި ނުކިރުވޭ މައްސަލަ އާއި ފައިސާ ލިބުން ލަސްވާ މައްސަލަ އެވެ. އަދި ބޮޑު ކަންނެލީގެ މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭނެ ގޮތް ހެދުމާއި ބޮޑު ކަންނެލީގެ އަގު 80-100ރ. އާ ދެމެދުގައި ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ނަމަވެސް އެ ވައުދު ފުއްދިފައި ނުވާ ކަމަށް ވެސް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލަ އަށް ބަހުސް ކުރައްވަމުން އައިބީ ވިދާޅުވީ ކުއްލިއަކަށް މިއަދު ހެނދުނު ބޮޑުކަންނެލީގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހެޅި އިރު، އެމްޑީީޕީ ސަރުކާރުގައި ވެސް އެ ކަމަކީ ހައްލެއް ހޯދައި ދެވުނު ކަމެއް ނޫން ކަމަށެވެ.

"މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ބޮޑުކަންނެއްޔާއި ކުޑަ ކަންނެއްޔާ ކަޅުބިލަމަސް ކޯޓުތަކަށް ގޮސް އަޅާލި ހިނދު، އަދި އައްޑޫ ސިޓީގެ އެކި ރަށްރަށުގެ ފަޅު ތެރެއަށް އެ މަސްތައް އަޅާލި ހިނދު، އަދި މަސްވެރިންނަށް ބޭނުންވާ ފައިސާ ޑޮލަރުން ދިން ހިނދު، އެ ނުލިބުނު ހިނދު،" އޭނަ ވިދާޅުވި އެވެ. "މި ގަރާރުތައް މިހެން އަންނަ ހިނދު، އެމްޑީޕީން މިދިޔަ ސަރުކާރުގަ އާއި އޭގެ ކުރީ ސަރުކާރުގައި، ވިދިވިދިގެން ދެ ދައުރުގައި މިތަނުގައި އަތްޖަހާލަން ތިބި ހިނދު، މަސްވެރިންނާއި ބޮޑުކަންނެލި މަސްވެރިން މި ވާހަކަ ދައްކާ ހިނދު، މިކަމަށް ހައްލެއް ނައިސް މިހާތަނަށް އައި ހިނދު، މިއަދު މި ކުއްލި މައްސަލަ މިތަނަށް ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި ހިނދު، އަޖައިބެއް ކަހަލަ ކަމެއް، މި ބޭފުޅުންނަށް މިކަން ނޭނގި ތިބި ހިނދު."

އައިބީ ވިދާޅުވީ މި ސަރުކާރު އައި ފަހުންން ގަވާއިދުން، 24 ގަޑިއިރު ނުވަނީސް މަސްވެރިންނަށް ފައިސާ ދެމުން އަންނަ އިރު މި ޒާޔުގެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާތީ ހައިރާންވާ ކަމަށެވެ.

"ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރަށް ހަނދާން ކޮށްދެން، ރާއްޖޭގެ ފަޅުތަކަށް ވެސް މަސް ވަންނަ ހިނދު، މަސް ވަދެގެން މަސް ގިނަވާ ހިނދު، މި މަސް ކިރޭނެ ގޮތެއް އަދި ބޯޓުތަކުގެ ފަހަތުގައި ކިޔޫ ދިގުވެގެން ގޮސް ކަނޑުއޮޅިތަކާ ހަމައަށް ދޯނި ގިނަވެ މި ހުރިހާ ކަމެއް ވީ ހިނދު އިތުރު ބޯޓުފަހަރެއް ނެތް،" އޭނަ ވިދާޅުވި އެވެ.

އައިބީ ވިދާޅުވީ މަސް ގަންނަ ކާރުހާނާތަކުގެ ކެޕޭސިޓީ ކުޑަވުމުގެ މައްސަލަ އެމްޑީޕީގެ ދެ ދައުރުގައި ހައްލުނުކޮށް އޮއްވައި މެމްބަރު ޒިޔާދުގެ ހިޔާލަށް މި ކުއްލި މައްސަލަ ހުށަހަޅަން މެމްބަރުގެ ޒިޔާދުގެ ހިޔާލަށް އައިތީ އެކަމާ އޭނާ ހުންނެވީ އަޖައިބުވެވަޑައިގެންފައި ކަމަށެވެ.

"މި ސަރުކާރުން ބޮޑުކަންނެއްޔާއި ކުޑަކަންނެއްޔާއި ކަޅުބިލަމަހަށް ހައްގު އުޖޫރަ 24 ގަޑިއިރު ނުވަނީސް ދެނީ މި ބޭފުޅުން މި ފައިސާ ނުދީ ހިފަހައްޓައިގެން ތިބި ހިނދު، މި ސަރުކާރު އައިސް،" އޭނަ ވިދާޅުވި އެވެ.

އައިބީ ވިދާޅުވީ ބޮޑުކަންނެއްޔާއި ކުޑަކަންނެލި އަދި ކަޅުބިލަމަސް ކިރުވުމާއި އެއަށް އެންމެ ރަނގަޅު އަގު ދިނުމުގައި ވެސް އެންމެ ކުރީގައި އޮތީ މި ސަރުކާރު ކަމަށެވެ. އަދި އެ ގަރާރު އޮތީ ހަގީގަތާ ހިލާފަށް ވިޔަސް، އެއީ ޕީއެންސީ ސަރުކާރުން މަސްވެރިންނަށް ކޮށްދޭ ރަނގަޅު ކަންކަމުގެ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭ ގަރާރަތަކަށްވާތީ ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވ އެވެ.

"މި ސަރުކާރަށް ފުރުސަތު ދެއްވާށޭ ހުރިހާ މަސްވެރިން ވެސް. މި ބޭފުޅުންގެ ދަލުގައި ނުޖެހި ތިއްބަވާށޭ އަޅުގަނޑުމެންނާ އެއްކޮށް،" އައިބީ ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ މި ސަރުކާރުން މަސްވެރިންނަށް ހައްގު އުޖޫރަ ދީ، މަސްވެރިންގެ ކަންތައްތައް ވަރަށް ރަނގަޅަށް ބަލަހައްޓާނެ."