Last Updated: July 3, 14:17
Thursday, July 3, 2025
ޚަބަރު

ދުނިޔޭގެ މާލީ އެހީގެ ނިޒާމު އިޞްލާޙުކުރަން ގޮވާލައްވައިފި

ދުނިޔޭގެ މާލީއެހީގެ ނިޒާމު އިޞްލާޙުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.

ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް (އެފްއެފްޑީ.4) ގެ ސައިޑް އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގެ ޤައުމުތަކަށް ތަރައްޤީއަށް ބޭނުންވާ މާލީ އެހީ ލިބުމަކީ މި ޤައުމުތަކުގެ ދެމިއޮތުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، ދުނިޔޭގެ މާލީއެހީގެ ނިޒާމު އިޞްލާޙުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލެއްވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ކަނޑުތަކަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި އާމްދަނީ ހޯދުމުގެ މައިގަނޑު މަސްދަރު ކަމުގައި ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ބިނާވެފައިވަނީ، ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ތަފާތު އަދި ޚާއްޞަ ސިފަތަކުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މުރަކަ ހުދުވުމުގެ ހާދިސާތައް އިތުރުވަމުންދާ މިންވަރާއި، ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑިކަމުގައިވަ "ކަނޑުގެ ދިރުން" ތައް ހިމާޔަތް ކުރަން އެކަށީގެންވާ ފަންޑިން ނުލިބޭކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ބަދަލުކުރަންޖެހޭނެކަން ފާހަގަކުރައްވަމުން، މިއީ ޤަބޫލުކުރެވޭނެ އަދި ދެމެހެއްޓެނިވި ގޮތެއްވެސް ނޫން ކަމުގައި ވިދާޅުވި އެވެ.

ރާއްޖޭގެ މުރަކަ ހިމާޔަތްކުރުމަށް، އިންޝުއަރެންސް އިނީޝިއޭޓިވް ތަޢާރަފުކުރެއްވިކަން އިއުލާންކުރައްވަމުން ނައިބު ރައީސް ވަނީ މި އިނީޝިއޭޓިވްގެ މަޤްޞަދަކީ ރިސްކް އަގުކުރުމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް މާލީ އެހީގެ ޒަރީޢާއިން ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް، މާލީއެހީ ހޯދުމަށް ހުރި ހުރަސްތައް ފޫބެއްދުން ކަމުގައި ވިދާޅުވި އެވެ.