Last Updated: July 3, 14:13
Thursday, July 3, 2025
ޚަބަރު

މަސައްކަތްތައް ނުނިމެނީސް ޖަލްސާ ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ހުރި މަސައްކަތްތައް ނުނިމެނީސް މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.

މަޖިލީހުގައި މިއަދު ފުރަތަމަ އޮތީ ބޮޑުކަންނެލީގެ މަސްވެރިންނަށް ހުރި ދަތިތަކާ ގުޅޭ ކުއްލި މައްސަލައަކަށް މެމްބަރުން ބަހުސް ކުރެއްވުމެވެ. މި ކުއްލި މައްސަލަ ހުށަހެޅީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދެވެ.

ކުއްލި މައްސަލައަށްފަހު ކުރިއަށް ގެންދިޔައީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ވެރިކަން ކުރާ ޕީއެންސީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި ބިލަށް ބަހުސް ކުރުމެވެ. އެ ބިލަށް ތިން މެމްބަރަކު ބަހުސް ކުރެއްވުމާ އެކު މަޖިލީހުގެ ހުސް ވަގުތުކޮޅު ޖެހިފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާ ނިންމާލާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލީ ފަނޑިޔާރުންގެ ބިލަށް ބަހުސް ކުރަން މެންބަރުންނަށް ދެން އޮންނަ ޖަލްސާއެއްގައި ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލިއިރު ކޮމިޓީތަކުގެ ބައެއް ރިޕޯޓްތައް ޖަލްސާއަށް ހުށަހެޅުމަށް ވެސް އެޖެންޑާކޮށްފައި ހުއްޓެވެ.