ޖަލުތަކުގައި ތިބި ގައިދީންގެ ޢާއިލާތަކުގެ ތެރެއިން ހާލުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
ރާއްޖޭގެ ޒަކާތު ހައުސްއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ބައްދަލުކުރައްވާ ޖަލުތަކުގައި ތިބި ގައިދީންގެ އާއިލާތަކުގެ ތެރެއިން ހާލުގައި ދިރިއުޅޭ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވުނު މިބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ގެ އިތުރުން ސީނިއާ މެނޭޖްމަންޓުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޚާއްޞަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖަލުގައި ތިބޭ ޤައިދީންގެ ޢާއިލާތަކުގެ ތެރެއިން ހާލަތުދަށް ޢާއިލާތަކަށް ޒަކާތު ހައުސް އިން ކަރެކްޝަނަލް ސަރވިސްގެ ކޯޕަރޭޓް ސޮސައިޓީ މެދުވެރިކޮށް ވެދެވެންހުރި އެހީތެރިކަން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ގައިދީންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކަރެކްޝަނަލް ސާވިސް އާއި ގުޅިގެން ޒަކާތު ހައުސްއިން ފޯރިކޮށްދެވިދާނެ އިތުރު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
ޒަކާތު ހައުސް އަކީ މިހާރުވެސް ދިރިއުޅުމުގެ ހާލަތު ދަށް އެތަށް އާއިލާތަކަށް ޟަރޫރީ ކަންކަމުގައި އެހީތެރިކަން ފޯރުކޮއްދެމުން އަންނަ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ސަރުކާރުގެ އިދާރާއެކެވެ. މި އިދާރާގެ އެންމެ ބޮޑު މަޤުސަދަކީ ޒަކާތުގެ ހައްޤުވެރިންނަށް ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.