Last Updated: July 3, 14:26
Thursday, July 3, 2025
ޚަބަރު

މާލެ ފޮނުވާ މީހުން ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަދަނީ

އަތޮޅުން މާލެ ފޮނުވާ ބަލި މީހުން ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ހަލީމް ވިދާޅުވީ ރަށްރަށުން އަންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސަން ހެލްތު މިނިސްޓްރީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ދެއްކުމުން، އިތުރު ފަރުވާއަށް މާލޭން ދައްކަން ބޭނުންވާ ސްޕެޝަލިސްޓަށް ރެފާކުރެވޭ ނިޒާމެއް ގާއިމްކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މާލޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން އަތޮޅު ތެރެއަށް ފޮނުވައިގެންވެސް ބަލި މީހުން ބެލުމުގެ މަސައްކަތް އަދި ބައެއް ކަހަލަ އޮޕަރޭޝަންތައްވެސް އަތޮޅު ތެރޭގައި ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ. އެގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުންވެސް މާލެއަށް އަންނަ މީހުންގެ އަދަދު މަދުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އާމިނަތު ޒޭބާ އަހްމަދު ވަނީ އަތޮޅު ތެރޭގައި ޓެލެ މެޑިސިންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން ޓެލެމެޑިސިންގެ ހިދުމަތް ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫގައި ފަށަން ތައްޔާރުވަމުންދާ ކަަމަށް ވިދާޅުވި އެވެ.