Last Updated: July 3, 14:17
Thursday, July 3, 2025
ޚަބަރު

ރާއްޖެ-ސިންގަޕޫރުގެ ގުޅުމުގެ އާ ބާބެއް ފެށިއްޖެ: ރައީސް

ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު، ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް ފެށިފައިވާ ކަމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތިން ދުވަހަށް ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީ، މަތީ ތަޢުލީމު، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނު؛ ސިންގަޕޫރު ކޯޕަރޭޝަން އެންޓަރޕްރައިޒްއާއެކު އެއްބާރުލުން؛ އަދި ތަޖުރިބާ ދަތުރުތަކުގެ ތެރެއިން ތަރައްޤީއަށް ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގައި ދެ ގައުމުން އެމްއޯޔޫތަކުގައި ސޮއިކުރެވުނުކަމީ އުފާކުރާ ކަމެއް ކަމަށެވެ.

އަދި މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމުން ވެސް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ފާހަގަކޮށްދިން ކަމަށް ރައީސް ވިދާޅުވި އެވެ.

"ޑިޕްލޮމެޓިކް ގުޅުމުގެ 50 އަހަރު ފާހަގަކުރާއިރު، މި ދަތުރުން މޯލްޑިވްސް-ސިންގަޕޫރު ގުޅުމުގެ އައު ބާބެއް ފެށިގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މިހާރަށްވުރެ ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކުން މަޝްވަރާކުރައްވާފައިވެ އެވެ. މިގޮތުން ވިޔަފާރިއާއި، ބިނާވެށި ޕްލޭންކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމާއި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެއިތުރުން ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާއި ވެސް ރައީސް ބައްދަލުކުރައްވާފައިވެ އެވެ.