Last Updated: July 3, 14:09
Thursday, July 3, 2025
މުނިފޫހިފިލުވުން

ކަންޔޭ އޮސްޓްރޭލިއާ އެރުުން މަނާކޮށްފި

ޖަރުމަންގެ ކުރީގެ ހުދުމުހުތާރު ލީޑަރު އެޑޯލްފް ހިޓްލަރަށް ތައުރީފުކޮށް، އެމެރިކާގެ މަޝްހޫރު ރެޔާ ކަންޔޭ ވެސްޓް ނެރުނު ލަވައަކާ ގުޅިގެން އޭނަ އޮސްޓްރޭލިއާ އަށް އެރުން މަނާކޮށްފި އެވެ.

އެ ގައުމުގެ ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ވިދާޅުވީ، ކަންޔޭ އަށް ދީފައި އޮތް ވިސާ ކެންސަލްކޮށްފައިވާ ކަމަށާއި އޭނަ އަށް ދެން އޮސްޓްރޭލިއާ އަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ނިންމުމަކީ ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ނިންމި ނިންމުމެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

މިނިސްޓަރު ވިދާޅުވީ ހިޓްލަރު ފަދަ އަނިޔާވެރި ލީޑަރަކަށް ތައުރީފުކޮށް ލަވައެއް ނެރުމާއި މީގެ ކުރިން ވެސް ކަންޔޭގެ ފަރާތުން ނަސްލީ ގޮތުން އެކި ޖަމާއަތްތަކާ ދިމާކޮށްލުމުގެ އަމަލުތަކެއް ހިންގާފައިވާތީ އެފަދަ މީހަަކަށް އޮސްޓްރޭލިއާ އިން މަރުހަބާ ކިޔަން ބޭނުން ނުވާ ކަމަށެވެ.

އެމެރިކާގެ ރައީސް 2020 ގައި ވާދަކޮށްފައިވާ ކަންޔޭ، 48، އަށް އޮސްޓްރޭލިއާ ދަތުރު ނުކުރެވޭ ގޮތަށް ހެދި އިރު، އޭނަގެ މިހާރުގެ ބައިވެރިޔާ ބިއަންކާ ސެންސޯރީ، 30، އަކީ އޮސްޓްރޭލިއާގެ މީހެކެވެ. ކަންޔޭ އާއި ބިއަންކާ ލޯބީގެ ގޮތުން ގުޅުނީ 2022 ގަ އެވެ.

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝިއަންގެ ކުރީގެ ފިރިމީހާ އަދި އޭނަގެ ކުދިންގެ ބައްޕަ، ކަންޔޭ، ހިޓްލަރަށް ތައުރޫފާއި ސަނާ ކިޔައި "ހެއިލް ހިޓްލާ" ގެ ނަމުގައި ލަވައެއް ނެރުނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އެ ލަވަ އަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން، ވަރަށް ގިނަ ފްލެޓްފޯމްތަކުން ވެސް ލަވަ މަނާކޮށްފައިވެ އެވެ.