Last Updated: July 3, 14:08
Thursday, July 3, 2025
ޚަބަރު

ހުޅުދޫގައި ގެސްޓްހައުސް/ސިޓީ ހޮޓާ ހިންގަން ބީލަމަށް

އައްޑޫ ސިޓީ ހުޅުދޫ

އައްޑޫ ސިޓީ ހުޅުދޫގައި ގެސްޓްހައުސް އަދި ހޮޓާތަކެއް ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބިންތަކެއް ކުއްޔަށް ދޭން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ދޫކުރަން ނިންމާފައި ވަނީ 10 ކޮޓަރީގެ ގެސްޓްހައުސް، 15 ކޮޓަރީގެ ގެސްޓްހައުސް އަދި 25 ކޮޓަރީގެ ގެސްޓްހައުސް އެޅުމަށް 2،400 އާއި 3،000 އާއި 5،000 އަކަ ފޫޓުގެ ބިމެކެވެ. އަދި ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ދޫކުރަން ނިންމާފައިވަނީ 10،000 އާއި 7،000 އަކަ ފޫޓުގެ ބިމެކެވެ. މިއީ 60 އާއި 35 ކޮޓަރީގެ ސިޓީ ހޮޓާތަކެއް ކަމަށް އިއުލާނުގައިވެ އެވެ.

ބިންތައް ދޫކުރަން ނިންމާފައި ވަނީ 50 އަހަރުގެ މުއްދަތަކަށެވެ.

ކައުންސިލުން ބުނީ ގެސްޓްހައުސް އާއި ސިޓީ ހޮޓާތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 16 ވަނަ ދުވަހު ހެނދުނު އޮންލައިންކޮށް އޮންނާނެ އެވެ.

މި ބީލަމަށް ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ އެވެ.

މިކަމަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކަށް ކައުންސިލުން ބިޑް ޑޮކިއުމަންޓް ވިއްކާނީ 2،000ރ. އެވެ. އަދި ބޭރުގެ ކުންފުނިތަކަށް ބިޑް ޑޮކިއުމެންޓް ވިއްކާނީ 300 ޑޮލަރަށެވެ.

ހުޅުދޫ ގެސްޓްހައުސް އަދި ސިޓީ ހޮޓާތަކެއް ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލިއިރު، ކައުންސިލުން ދާދިފަހުން މަރަދޫގައި ސިޓީ ހޮޓާތަކެއް ތަރައްގީކޮށް، ހިންގުމަށް ވެސް ބީލަމަށް ހުޅުވާލައިފަ އެވެ. މީގެ އިތުރުން އައްޑޫގެ ފަޅުރަށެއް ކަމަށްވާ ސަވާހިލި ޓޫރިޒަމަށް ތަރައްގީ ކުރަން ދާދި ފަހުން ހުޅުވައިލި އެވެ.

އައްޑޫގައި ލޯކަލް ޓޫރިޒަމް ތަރައްގީކޮށް ފުޅާ ކުރުމުގެ ގޮތުން ކައުންސިލުން "އައްޑޫ، ބިޔޯންޑް އީކްއޭޓާ" ގެ ނަމުގައި މިދިޔަ އަހަރު ބްރޭންޑެއް ލޯންޗްކޮށް، އޭގެ ދަށުން އައްޑޫ ޕްރޮމޯޓް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ޗައިނާގައި ކުރިއަށްދިޔަ އައިޓީބީ ފެއާގައި ވެސް އައްޑޫ ޕްރޮމޯޓްކޮށްފައިވެ އެވެ.