ދަރަނީގެ މައްސަލަ ދިމާވަނީ ހިންގުމުގެ ފެންވަރު ދަށްވެގެން ނޫން ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ގެ ހަވާސާގައި ކުރިއަށްދިޔަ އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިހާރު ކުރިމަތިލާންޖެހިފައިވާ ދަރަނީގެ މައްސަލަތައް ދިމާވަނީ ހިންގުމުގެ ފެންވަރު ދަށްވެގެން ނޫން ކަމަށާއި، އެއީ، ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި ހުރި އަސާސީ މައްސަލަތަކުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ.
އަދި ތަރައްޤީއަށް ވުނަކުރުމަށް މަގުފަހިކުރުމަށްޓަކައި "ފިސްކަލް ސްޕޭސް"އެއް ތަރައްޤީކޮށް، ކޮންސެޝަނަލް ލޯނު ނުވަތަ އާންމު ލޯނުތަކަށް ވުރެ ފުރިހަމަ އުސޫލުތަކެއްގެ ދަށުން ދޫކުރެވޭ ލޯނު ހޯދުމާއި، ކުދި ޖަޒީރާ ޤައުމުތަކަށް ދަރަނީގެ ދެމެހެއްޓެނިވި އަދި މެނޭޖްކުރެވޭނެ ޕޯޓްފޯލިއޯއެއް އުފެއްދުމަށް ނައިބު ރައީސް އިލްތިމާސްކުރެއްވި އެވެ.
ސިޑްސް ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސްއަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަޤީންކަން، ދެއްވަމުން ނައިބު ރައީސް ވަނީ ސިޑްސް އަށް ޚާއްޞަކުރެވިގެން ޙައްލުތަކެއް ހޯދައި، ދޭސީ އީޖާދީ އުފެއްދުންތެރިކަން ކުރިއަރާ ދިއުމަށް ފުރުޞަތު ފަހިވާނެކަން ފާހަގަކުރައްވައި، މިފަދަ ޚިދުމަތެއްގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށްވެސް ބާރުއަޅުއްވާފަ އެވެ.
މި އިވެންޓުގައި، އެކިއެކި ޤައުމުތަކުގެ އިސްވެރިންނާއި އޮފިޝަލުންގެ އިތުރުން އެކުވެރި އ.ދގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކުގެ އިސް މަންދޫބުންވެސް ބައިވެރިވެވަޑައިގަތެވެ.