އަންނަ އަހަރުގެ އޭޕްރީލްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޓިކެޓުގެ 33 ޕަސެންޓް ޒުވާނުންނަށް ހާއްސަކުރުމަށް ނިންމައިފި އެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ކައުންސިލް އިންތިހާބަށް އެ ޕާޓީން ގެންގުޅޭ ޓައިމްލައިނާއި ގުޅޭ ރިޕޯޓު ހުށަހަޅައިފަ އެވެ. އަދި އެ ރިޕޯޓު ގައުމީ މަޖިލީހުން ރޭ ވަނީ ފާސްކޮށްފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޓިކެޓުގެ 33 ޕަސެންޓް ޒުވާނުންނަށް ހާއްސަކުރުމަށް ނިންމާފައިވާ ކަމަށާއި ޒުވާނުން ކަމަށް ބަލާނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުން ކަމަށެވެ.
އަދި ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވޭނީ އެ ޕާޓީގެ އެކެޑެމީން ކުރިއަށްގެންދާ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކީ މިހިނގާ ދައުރުގެ ކައުންސިލަރެއް ނަމަ އެ ފަރާތެއް އެ ޕްރޮގްރާމްގައި ބައިވެރިވުން ލާޒިމް ނުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މީގެއިތުރުން ޕްރައިމަރީއަށް ހުރިހާ ދާއިރާއަކަށް ބޭނުންވާ އަދަދަށް ކުރިމަތިނުލައިފި ނަމަ، އެ ގޮނޑިތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ޕާޓީން ވަކިން ހޯދުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބޭއްވުމަށް މިހާރު ހަމަޖައްސާފައިވަނީ ޖެނުއަރީ 10 ގަ އެވެ.