Last Updated: July 3, 20:11
Thursday, July 3, 2025
ޚަބަރު

ކައުންސިލް އިންތިހާބުގައި ސަރުކާރު ބޮޑުތަނުން ބަލިވާނެ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު- ފޮޓޯ: އެމްޑީޕީ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ބޮޑުތަނުން ބަލިވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ މި ސަރުކާރަކީ އެއްވެސް މިންވަރަކަށް ލާމަރުކަޒީ ނިޒާމު ގަބޫލުކުރާ ބައެއް ނޫން ކަމަށާއި މި ސަރުކާރަކީ އެޓޯލްސް މިނިސްޓްރީ އުފައްދައިގެން އެ މިނިސްޓްރީގެ ދަށުން ކަންކަން ހިނގަމުންދާ ބައެއް ކަމަށެވެ. އަދި ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ބޭނުމަކީ އެ މަދުކުރާ އަދަދަށް އެޓޯލްސް މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުންގެ ގޮތުގައި މީހުން އައްޔަންކުރުން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

"މި ލޯކަލް ކައުންސިލް ވެގެންދާނީ ސަރުކާރު ބޮޑުތަނުން ބަލިވާ އިންތިހާބަކަށް. މި އިންތިހާބަށް ތައްޔާރުވާން ޖެހޭނެ ފިސާރި ކެރިގެން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހު ޕާޓީއަށް ދޭ ހަދިޔާއަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ކަމަށް ހަދަންޖެހޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލްގަ އެވެ.