Last Updated: July 3, 17:07
Thursday, July 3, 2025
ދުނިޔެ

ގާޒާއިން އިއްޔެ އެކަނި ވެސް 111 މަރު

އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާއިން އިއްޔެ އެކަނިވެސް 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ގާޒާގެ ހެލްތު އޮފިޝަލުންނާއި ހަވާލާދީ "އަލްޖަޒީރާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ ފަތިހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 111 އަށް އަރާފަ އެވެ. މީގެތެރެއިން 29 މީހުންނަކީ ގާޒާގައި އެހީގެ ސާމާނު ބަހާ ތަނަކަށް ކާނާ ހޯދަން ގޮސް ތިބި މީހުންނެވެ. އެމީހުން މަރުވެފައިވަނީ އިޒްރޭލު ސިފައިން ބަޑިން ދިން ހަމަލާއެއްގަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިދިޔަ އަންގާރަ ދުވަހު ގާޒާއިން ވަނީ 109 މީހަކު މަރުވެފަ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 56،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 130،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ.

އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.