Last Updated: July 3, 18:11
Thursday, July 3, 2025
ޚަބަރު

ކައުންސިލް އިންތިހާބުގައި އެމްޑީއޭ އިން ގިނަ ދާއިރާތަކަށް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ގިނަ ދާއިރާތަކަކަށް ވާދަ ކުރަން ނިންމައިފި އެވެ.

މަޝްހޫރު ވިޔަފާވެރިޔާ އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމު) ގެ ޕާޓީން އެކަން އިއުލާންކުރީ އެ ޕާޓީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ.

އޭގައި އައްބާސް އޭނަ ވިދާޅުވީ އެމްޑީއޭގެ ފަރާތުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންވެ ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީއޭ އިން އެކި ދާއިރާތަކަށް ވަރަށް އަވަހަށް ދަތުރުތަށް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އެމްޑީއޭ އަކީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުން އަންނަ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ހައްގުގައި ބަސްބުނެ ވަކާލާތުކުރާނެ ހަރުދަނާ ސިޔާސަތެއްގެ މައްޗަށް ހިނގަމުން އަންނަ ޕާޓީއެއް ކަމަށެވެ.

މިހާރުގެ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި އޮތް އެމްޑީއޭ އިން ވަނީ މި ސަރުކާރުގެ ބައެއް ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން މި އަހަރުގެ ކުރީކޮޅު ކޯލިޝަނުން ވަކިވެފަ އެވެ. ދެހާސް ތޭވީހުގެ ރިޔާސީ އިންތިހާބުގައި އެމްޑީއޭ ކޯލިޝަން ހެދީ އެމްޑީޕީއާ އެވެ.

ނަމަވެސް އެ ޕާޓީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން، އެމްޑީޕީ ދޫކޮށް، އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން ބައިއަތު ހިފީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ޕީއެންސީއާ އެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ.