މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެ މީހުންގެ ޝަރަފުގައި ހާއްސަކުރާ "ހޮލީވުޑް ވޯކް އޮފް ފޭމް" އިންޑިއާގެ ބަތަލާ ދީޕިކާ ޕަދްކޯން އަށް ދޭން ނިންމައިފި އެވެ.
މިއާ އެކު އޭނަ ވާނީ އެ ޝަރަފު ލިބޭ އިންޑިއާގެ ފުރަތަމަ ތަރިއަށެވެ.
"މޯޝަން ޕިކްޗާ" ކެޓަގަރީން ދީޕިކާ އަށް "ހޮލީވުޑް ވޯކް އޮފް ފޭމް" ދޭން ނިންމައި އެކަން އިއުލާންކޮށް ހޮލީވުޑް ޗެމްބާ އޮފް ކޮމާސް އިން ބުނީ އެ ޝަރަފު ހުނަރުވެރި އަދި ކާމިޔާބު ބަތަލާ އަށް ދޭނީ އަންނަ އަހަރު ކަމަށެވެ. މިކަން އިއުލާންކުރީ އަންނަ އަހަރު ޝަރަފު ދޭން ހޮވި ފަންނާނުންތަކަކާ ބޭއްވި ލައިވް-ސްޓްރީމިންއެއްގަ އެވެ.
އެގޮތުން ފިލްމީ ތަރިންގެ ތެރެއިން އަންނަ އަހަރުގެ "ހޮލީވުޑް ވޯކް އޮފް ފޭމް" އަށް ހޮވުނު ފިލްމީ ފަންނާނުން ތެރޭގައި އެމިލީ ބްލަންޓާއި ރަމީ މާލިކާއި ޓިމޮތީ ކެމަލޭ އާއި ސްޓޭންލީ ޓަކީ އާއި ޑެމީ މޯ އާއި ކްރިސް ކޮލަމްބަސް އާއި މެރިއޯން ކޮޓިލާޑާއި ކީތު ޑޭވިޑާއި ފްރާންކޯ ނީރޯ އާއި މެރީ ރިންގްވާލްޑާއި ކާލޯ ރަމްބޯޑީ އާއި ޓޯނީ ސްކޮޓްގެ އިތުރުން ރެޗެލް މެކްއެޑަމްސް ހިމެނެ އެވެ.
އިންޑިއާގެ މިހާރުގެ އެންމެ ނުފޫޒު ގަދަ އެއް ބަތަލާގެ ގޮތުގައި ފާހަގަކޮށްލެވޭ ދީޕިކާ އަށް "ހޮލީވުޑް ވޯކް އޮފް ފޭމް" ދޭން ނިންމި އިރު، އޭނަ އަކީ ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ. އެއީ 2017 ގެ "ޓްރިޕްލް އެކްސް، ދަ ރިޓާން އޮފް ޒެންޑޭ ކޭޖް" އެވެ. އަދި 2023 ގެ އޮސްކާ އެވޯޑްސްގައި އެވޯޑް ޕްރެޒެންޓް ކުރުމުގެ ފުރުސަތު ވެސް ދީޕިކާ އަށް ލިބިފައިވާ އިރު އޭނަ އަކީ "ޓައިމް" މަޖައްލާ އިން 2018 ގައި ހޮވި އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ވެސް ހިމެނެނު ތަރިއެކެވެ.
ބޭރުގެ މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ދީޕިކާ އަކީ އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންނެވެ.
މީގެ 65 އަހަރު ކުރިން ތައާރަފުކުރި "ހޮލީވުޑް ވޯކް އޮފް ފޭމް" މިހާތަނަށް 2،800 އަށް ވުރެ ގިނަ ފަންނާނުންނަށް ދީފައިވެ އެވެ.