އެއާޕޯޓް ރެޕްރެޒެންޓޭޓިވުން ތަމްރީނު ކުރަން އައްޑޫގައި ހިންގަން ނިންމާފައިވާ ކޯހެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހިންގަން ހަމަޖެހިފައިވާ ކޯސް ހާއްސަކޮށްފައި ވަނީ އުމުރުން 16-35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ކޯހަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 6 އާ ހަމައަށެވެ.
އެއާޕޯޓް ރެޕްރެޒެންޓޭޓިވުން ތަމްރީނުކުރާ ކޯހަކީ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހެކެވެ.
މިއީ "މީރީ" ޕްރޮޖެކްޓްގެ ފަރާތުން ވޯލްޑް ބޭންކްގެ އެހީގައި ހިންގަމުން އަންނަ "ފިއުޗާ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ކޯހެކެވެ.
"ފިއުޗާ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް ދިނުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުން ހިމެނެ އެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދަށް ބޭނުންވާ ތަފާތު ދާއިރާތަކުން ޒުވާނުން ތަމްރީންކޮށް ވަޒީފާގެ ބާޒާރަށް ނެރެން އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.