Last Updated: July 3, 20:11
Thursday, July 3, 2025
ޚަބަރު

ޝިޔާމަޔަށް ކުރި ދައުވާ ނަގައިފި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށަހެޅުމަށް ފަހު ދައުލަތުން މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ޝިޔާމްގެ މައްޗަށް ކޮށްފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އޭނަ ހުންނެވި އިރު ކ. ވިލިނގިލީގެ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 އާއި ދެމެދު 2018 އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް އޭނަގެ ބައްޕަ ކުރީގެ އެކްޓަރު އިބްރާހީމް ޝާކިރު (ޝާކިރުބެ) ދިރިއުޅުމަށް ބަހައްޓައި، އެ މުއްދަތުގައި ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި މައްސަލައިގައި ކަމަށެވެ.

އެ މައްސަލައިގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އޮކްޓޯބަރު 1، 2024 ގަ އެވެ. އަދި ދައުލަތުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ ޖެނުއަރީގައެވެ.

ނަމަވެސް ޕީޖީ އޮފީހުން އެދިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ މައްސަލަ ބާތިލުކޮށްފައިވެ އެވެ.

އިސްތިއުނާފުގެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް ހައި ކޯޓުން ނެރުނު ރިޕޯޓްގައި ބުބީ ދައުވާ ފޯމު ބާތިލުކޮށް ދިނުމަށް ދައުލަތުން އެދިފައި ވަނީ އެ މައްސަލަ އަކީ ދިގުލައިގެން ގޮސްފައިވާ މައްސަލައެއްކަމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތު ނެތުމުން ކަމަށެވެ.

އެގޮތުން އެ މައްސަލައިގެ ހާދިސާއަށް 7 އަހަރުވެފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އިސްތިއުނާފު ބާތިލުކުރި ސަބަބެއްގެ ގޮތުގައި ޕީޖީން ބުނީ ޝިޔާމަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއް ވެސް އެ އޮފީހުގައި ނެތުން ކަމަށެވެ.

ޝިޔާމަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅީ 2020 ގަ އެވެ.