އެކްޓަރު ރާޖްކުމާރު ރާއޯ މިހާތަނަށް އެންމެ ބޮޑު އަގަކަށް ސޮއިކުރި ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ކްރީޗާއަކަށް ބިނާކޮށް ހަދަން ނިންމާފައިވާ ތުރިލާ އަށް ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އެކްޓަރު ސޮއިކުރީ 12 ކްރޯޑް ރުޕީސް 1.4 މިލިއަން ޑޮލަރު) އަށް ކަމަށެވެ. މިއީ ދަރުމާ އަށް ރާޖް ސޮއިކުރި ދެވަނަ ފިލްމެވެ.
އެ ސްޓޫޑިއޯ އަށް އޭނަ ކުޅުނު ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ "މިސްޓަ އެންޑް މިސިޒް މާހީ" އެވެ.
ހަންގާމާ އިން ބުނި ގޮތުގައި ރާޖް ސޮއިކުރި އާ ފިލްމުގެ ޑައިރެކްޓަރަކީ ސަންދީޕް މޯދީ އެވެ. އޭނަ އަކީ ސުޝްމިތާ ސެންގެ ވެބް ސީރީޒް "އާރިއާ" އާއި އަދިތިޔާ ރޯއި ކަޕޫރާއި އަނިލް ކަޕޫރްގެ ވެބް ސީރީޒް "ދަ ނައިޓް މެނޭޖާ" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.
ހަންގާމާ އިން ބުނީ ރާޖާ އެކު ހަދަން ނިންމާފައިވާ ކްރީޗާ ތުރިލާ އަކީ ފްރެންޗައިޒެއްގެ ގޮތުގައި ގެނެސްދޭނެ އެއްޗެއް ކަމަށެވެ. ނަމަވެސް ފުރަތަމަ ބައި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ނޭނގެ އެވެ.
ދަރުމާ އިން އަންނަ އަހަރު އެ ޖޯންރާގެ ފިލްމެއް ކާތިކް އާރިއަނާ އެކު ގެނެސްދޭނެ އެވެ. އެއާ ކާތިކް ހަރުފައެއްގެ ރޯލުން ފެންނާނެ "ނާގްޒިއްލާ" އެވެ.
ރާޖްގެ އެންމެ ފަހުގެ ފިލްމަކީ މެއި މަހު ރިލީޒްކުރި ކާމިޔާބު ފެންޓަސީ ރޮމޭންޓިކް ކޮމެޑީ "ބޫލް ޗުކް މާފް" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 11 ގައި ސިނަމާތަކަށް ގޭންގްސްޓާ ތުރިލާ "މާލިކް" އެވެ.