އިންޑިއާގެ ކެރެލާ ސްޓޭޓްގެ ސަރުކާރުގެ ސްކޫލްތަކުގައި ޒުމްބާ ކްލާސްތަކެއް ހިންގަން ފެށުމާ ގުޅިގެން އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލައި، މުޒާހަރާ ވެސް ކުރަން ފަށައިފި އެވެ.
ޒުމްބާ ކްލާސްތައް ހިންގާތީ ހިންދޫ އަދި މުސްލިމު ޖަމިއްޔާ ޖަމާއަތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، އެއީ ސަގާފަތާއި އާދަކާދަތަކާ ނުގުޅޭ ކަމެއް އަންނަނީ ބުނަމުންނެވެ. އެހެންވެ އެކަން ސްކޫލްތަކުން ހުއްޓާލަން ގޮވާލަމުން އަންނަ އިރު، ޓީޗަރުންނާއި ސްކޫލްތަކުގެ ބެލެނިވެރިން ވެސް މިކަން ބޮއިކޮޓް ކުރަން ގިނަ ބަޔަކު އަންނަނީ އެދެމުންނެވެ.
ކޮންމެ ދުުވަހަކު ވެސް ދަރިވަރުންނަށް ކްލާސްތައް ބާއްވާ ގޮތަށް ކެރަލާގެ ސަރުކާރުގެ ސްކޫލްތަކަށް ޒުމްބާ ކްލާސްތައް ތައާރަފުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި މިއީ ދަރިވަރުން މަސްތުވާތަކެތިން ސަލާމަތް ކުރަން ފަށާފައިވާ ކެމްޕޭނެއްގެ ދަށުން ކުރިއަށް ގެންދާ ވަރަށް ބޭނުންތެރި ޕްރޮގްރާމެއް ކަމަށް ކެރެލާ ސްޓޭޓްގެ ސަރުކާރުން ބުންޏެވެ.
ދަރިވަރުންނަށް ހިންގާ ޒުމްބާ ޕްރޮގްރާމް ދިފާއުކޮށް ކެރަލާގެ އެޑިއުކޭޝަން މިނިސްޓަރު ވީ ސިވަންކުއްޓީ ވިދާޅުވީ ޕްރޮގްރާމް ހުއްޓާ ނުލާނެ ކަމަށެވެ. އަދި ތައުލީމާ ދީނީ ކަންކަން މަސްހުނި ނުކުރަން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"ޒުމްބާއީ ދެކޮޅަށް މުޒާހާރަ ކުރަނީ ތަނެއްދޮރެއް ނޭނގޭ މީހުން. އެފަދަ މީސްމީހުންނަކީ މަސްތުވާތަކެއްޗަށް ވުރެ ވެސް ނުރައްކާތެރި ބައެއް." މިނިސްޓަރު ވިދާޅު އެވެ.
އޭނަ ވިދާޅުވީ ސްކޫލް މަންހަޖުގެ ތެރޭގައި ޒުމްބާ ދެން ހިމެނޭނެ ކަމަށެވެ. އެކަމަކު އެއީ ދަރިވަރުންނަށް ބައިވެރިވުމާއި ނުވުމުގެ އިހުތިޔާރު އޮންނާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މިކަން އަހަރެމެން މަޖުބޫރެއް ނުކުރަން. ބޭނުން ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދަން ފެށި ޕްރޮގްރާނެއް މިިއީ." މިނިސްޓަރު ވިދާޅުވި އެވެ.
ޒުމްބާ އަކީ ޒާތެއްގެ ނެށުމެއް ކަހަލަ ކަސްރަތެކެވެ.