Last Updated: July 3, 19:55
Thursday, July 3, 2025
މުނިފޫހިފިލުވުން

ރަންބީރްގެ އާ ފިލްމުގެ ޓައިޓްލް ޕޯސްޓަރު ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު ތަރި، ރަންބީރް ކަޕޫރްގެ "ރާމާޔަން" ގެ ޓައިޓްލް ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ފުރަތަމަ ބައި އަންނަ އަހަރުގެ ނޮވެމްބަރަށް ތާވަލުކޮށްފައިވާ އިރު، ދެވަނަ ބައި ގެނެސްދޭނީ 2027 ގެ ނޮވެމްބަރުގަ އެވެ.

ހިންދޫންގެ ހުރާފީ ވާހަކައަކަށް ބިނާކޮށް ގެނެސްދޭ "ރާމާޔަން" އަކީ ނަމިތު މަލްއުތުރާ ޕްރޮޑިއުސްކޮށް، ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ ފިލްމެކެވެ. ފުރަތަމަ ބައިގެ ޝޫޓިން މިހާރު ނިންމާފައިވާ އިރު، ދެވަނަ ބައިގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން އޮތީ ނިންމައިފަ އެވެ.

ނިތޭޝް އަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ޑަންގަލް" އާއި "ޗިޗޯރީ" ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "ބަވާލް" އެވެ.

ނިތޭޝްއާ އެކު ރަންބީރް މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓް "ރާމާޔަން" ގެ ކާސްޓްގައި އިންޑިއާގެ ދެކުނުގެ ތަރިން ކަމަށްވާ ސައީ ޕައްލަވީ އާއި ޔާޝްގެ އިތުރުން ސަނީ ޑިއޯލް އާއި ލާރާ ދައްތާ އާއި ރަކުލް ޕްރީތި ސިންގް އާއި ޓީވީ އެކްޓަރު ޑޫބޭއާ އެކު ވަރަށް ބޮޑު ކާސްޓެއް ހިމެނެ އެވެ.

ރަންބީރް ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭ ލޯބީގެ ފިލްމު "ލަވް އެންޑް ވޯ" އެވެ. މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ފިރިމީހާގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "އެނިމަލް" އެވެ.