ހުޅުމާލޭގައި ތަރައްގީކުރަން ފެށީ ކޭ-ޕާކް ރެސިޑެންސް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްފަހު މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
މަންޑޭ ޝަރީއަތަށް ހާޒިރުނުވާތީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރީ މިދިޔަ ހަފުތާގަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މައްސަލައިގެ އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވަނީ ޝަރީއަތަށް އެއްބާރުލުން ދޭން ޝަރުތުކޮށް މަންޑޭ ބަންދުން ދޫކޮށްލަން ނިންމާފަ އެވެ. ނަމަވެސް ޝަރީއަތަށް އެއްބާރުލުން ނުދޭނަމަ ބަންދުކުރަން އަނެއްކާ ވެސް އަމުރުކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މަންޑޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވައިލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.
މި ދައުވާތައް ކޮށްފައި ވަނީ ކޭ-ޕާކް ރެޒިޑެންސްގެ ޖުމްލަ 23 އެޕާޓްމަންޓްއެއް ވިއްކާފައިވާ މައްސަލަތަކާއި ގުޅިގެން ކަމަށާއި މި 23 އެޕާޓްމަންޓް 50 މީހުންނަ ށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކުރެ އެވެ.