Last Updated: July 4, 11:15
Friday, July 4, 2025
ޚަބަރު

މަހުޒޫމް އާއި ޝިމަންގެ މައްޗަށް ދައުވާކޮށްފި

މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރަމުންދާ މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާކޮށްފި އެވެ.

ޒުވާނުންގެ މުޒާހަރާގެ ތެރެއިން މަހުޒޫމް އާއި ޝިމަން ހައްޔަރުކޮށް ތިން ދުވަހަށް ބަންދުވެސް ކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ ދެ ޒުވާނުން ދޫކޮށްލާފަ އެވެ.

ޕީޖީ އޮފީހުން ބުނީ މަހުޒޫމްގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ކުރުމުގެ ދައުވާ ކަމަށާއި މި ދައުވާ އުފުލާފައިވަނީ މަހްޒޫމް ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮއްޕާލާފައިވާތީ ކަމަށެވެ. އަދި ޝިމަންގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ފުލުހުންގެ ސަފު ރޫޅާލުމަށް ފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ސިލްސިލާ ގޮތެއްގައި ޒުވާނުން މާލޭގައި ކުރި މުޒާހަރާ އަކީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރި މުޒާހަރާތަކެކެވެ.