Last Updated: July 5, 10:22
Saturday, July 5, 2025
ޚަބަރު

ޒުވާނުންގެ ވިޔަފާރިތަކަށް ސަރުކާރުން އިސްކަންދޭ

އަންހެނުންނާއި ޒުވާނުން އިސްނަގައިގެން ހިންގާ ވިޔަފާރިތަކަށް ސަރުކާރުން އިސްކަންދެއްވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައި، ރާއްޖޭގެ ފަރާތުން އިންތިޒާމްކޮށްގެން ރޭ ކުރިއަށް ގެންދިޔަ އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ 90 އިންސައްތަ ހިއްސާކުރާ މައިކްރޯ، ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސަސް ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، "ކްރިއޭޓިވް އިކޮނޮމީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން" ގެ މައްޗަށް އަލިއަޅުއްވާލައްވައި، މާލީ ތަނަވަސްކަން އިތުރުކުރާނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތްކުރާނެ މާޙައުލުތައް ތަރައްޤީކޮށްދިނުމާއި، މާކެޓްތަކަށް ވާސިލުވެވޭނެ ގޮތްތައް ފަހިކޮށްގެން ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް ނިންމަވާފައި އޮތް ކަމަށް ވިދާޅުވި އެވެ.

އަދި އެމްއެސްއެމްއީތަކަށް ބޭނުންވާ ހުނަރާއި ތަމްރީނާއި ޢިލްމާއި މާލީއެހީ ލިބޭނެ ގޮތްތަކާއި، ޤާނޫނީ އޮނިގަނޑުތައް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަކޮށް އަތޮޅުތެރޭގެ ރަށްތަކުގެ މުޖުތަމަޢުތަކުގައި، އަންހެނުންނާއި ޒުވާނުން އިސްނަގައިގެން ހިންގާ ވިޔަފާރިތަކަށް ސަރުކާރުން އިސްކަންދެއްވާކަން ފާހަގަކުރެއްވި އެވެ. ޚާއްޞަކޮށް އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި ދާދިފަހުން ލޯންޗުކުރެވުނު ފަށާ މަދަދު ލޯނު ސްކީމްގެ 2 ވަނަ ފިޔަވަހީގެ މަޝްރޫޢު ފާހަގަކުރެއްވި އެވެ.

މި ސްކީމްގެ ދަށުން 25 އިންސައްތަ ލޯނު ދޫކުރުމަށް ޚާއްޞަކޮށްފައި ވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިންގް ޚިދުމަތް ފުޅާކޮށް، ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށްގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ.