މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މާލީ ހާލަތު ގޯސްވީ ކުރީ ސަރުކާރުގައި އަމަލުކުރި ގޮތުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްއެމްޕީއާރުސީން މިހެން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެ ކުންފުނީގެ މާލީ ހާލަތު ބެލުމަށް ފަހު ނެރުނު ދިރާސާ ރިޕޯޓާއި ގުޅިގެން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކާއި، ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެމްއެމްޕީއާރުސީން ބުނިގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރުގެ މާލީ ރެކޯޑުތައް ދައްކާގޮތުން އެ ކުންފުންޏަށް ވަނީ ޖުމްލަ 203,891,026 ރުފިޔާގެ މާލީ ގެއްލުން ވެފަ އެވެ. އެގޮތުން 2020 ގައި 1،624،866 ރުފިޔާގެ ގެއްލުން ވެފައިވާއިރު، 2021 ގައި 141،977،908 ރުފިޔާގެ ގެއްލުން ވެފައިވެ އެވެ. އަދި 2022 ގައި 42،290،590 ރުފިޔާގެ ގެއްލުން ވެފައިވާއިރު، 2023 ވަނަ އަހަރު 17،997،662 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިއީ އެމްއެމްޕީއާރުސީ މާލީ ގެއްލުމުގެ ހާލަތަކަށް ވެއްޓުނު އެންމެ މުހިންމު އެއް ސަބަބު ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްއެމްޕީއާރުސީން ބުނީ، މި ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ މަސައްކަތްތައް ހިންގުން އިސްލާހުކޮށް، އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ރަނގަޅު މަގަކަށް ވާސިލުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން ހަރަދުތައް 10 އިންސައްތަ ކުޑަކޮށްފައިވާ ކަމަށާއި އަދި ޕީއާރު އެޖެންސީތަކުގެ އަދަދު 21 އިން 6 އަށް ކުޑަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި މަސައްކަތުގެ ސަބަބުން ވެސް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް އެމްއެމްޕީއާރުސީގެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން، ކުރިން އެމްއެމްޕީއާރުސީގެ ބަޖެޓުގެ ގާތްގަނޑަކަށް 80 އިންސައްތަ، ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށް ބޭނުންކުރަމުން އައި ނަމަވެސް، މިހާރު މި ހަރަދު ރީސްޓްރަކްޗަރކޮށް، 34 އިންސައްތައަށް ދަށްކޮށްފައިވާ ކަމަށް ބުންޏެވެ. އެއާ އެކު އެވްރެޖުކޮށް ދެ މިލިއަން ރުފިޔާ ސަލާމަތް ކުރެވުނު ކަމަށްވެސް ބުނެފައިވެ އެވެ.