Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ދިވެއްސަކު ރަހީނުކުރި މީހަކު ހައްޔަރުކޮށްފި

މާލޭ ގެއެއްގައި ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލެ ގެއެއްގެ ތެރޭގައި ހުއްދަނޫން ގޮތެއްގައި މީހަކު ހިފަހައްޓައި، އަނިޔާ ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ފުލުހުންގެ ތަހުގީގުން ކުރި މަސައްކަތުން އެ މީހާ ހުރި ތަން ހޯދައި، އެ މީހާ ސަލާމަތްކޮށް، މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން އައްޑޫ ސިޓީ ފޭދޫ ސުވާސާގެ އިބްރާހިމް ސައީދު 48އ. ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހިފަހައްޓައިގެން ގެންގުޅެ އަނިޔާކޮށްފައިވާ މީހާ ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.