ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ޢިމާރާތްކުރަމުންދާ އާ ސްކޫލަށް "ޝަހީދު ޢަލީ ސްކޫލް"ގެ ނަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނަން ދެއްވައިފި އެވެ.
މި ސްކޫލަކީ ހުޅުމާލޭގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް ގެއާ ކައިރި ސްކޫލަކުން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ޢިމާރާތް ކުރާ ސްކޫލެކެވެ.
މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު، ރައީސް މުޢިއްޒުއެވެ.
މި ސްކޫލަށް ނަން ދީފައި ވަނީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ސުލްޠާން ޢަލީ (ހަވަނަ) – ޢަލީ ރަސްގެފާނަށް ނިސްބަތްކޮށެވެ.
ޢަލީ ރަސްގެފާނަކީ އީމާންތެރިކަން ވަރުގަދަ، ހިތްޕުޅުގައި ޤައުމީ ލޯބި ފުން އަދި ހިތްވަރުގަދަ ބޭފުޅެކެވެ. އަދި ދައުލަތަށް ވަފާތެރި، ދިވެހިރައްޔިތުންނާ މެދު ހިތްޕުޅުގައި ކުލުނާއި އިޚްލާޞްތެރިކަން ބެހެއްޓެވި ބޭފުޅެކެވެ. ޢަލީ ރަސްގެފާނުގެ ނަންފުޅު ތާރީޚުގައި ފަވާލެވިފައިވަނީ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި މަތިވެރި ޖިހާދު އަދި ވަޠަނަށްޓަކައި ގުރުބާންވެ ވަޑައިގަތް އަގުމާތް ދިވެހި ދަރިއެއް ގޮތުގަ އެވެ.
މި ސަރުކާރުގެ އެންމެ ފުރަތަމަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު އަކީ ތަޢުލީމީ ބިނާއެއް ކަމުގައި ހެދުމަށްޓަކައި ބިންގާ އެޅި މި ސްކޫލަކީ 1500 އެއްހާ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލުގައި އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް ހުންނާނެ އެވެ.