Last Updated: July 5, 06:17
Saturday, July 5, 2025
ޚަބަރު

މަރަދޫ ދަރިވަރުންނަށް ފަތަން ދަސްކޮށް ދެނީ

އައްޑޫ މަރަދޫގެ ދެ ސްކޫލެއްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި އެވެ.

ސްވިމިން އެސޯސިއޭޝަނާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ "ފަތަމާ ހިނގާ" ޕްރޮގްރާމްގައި ބައިވެރި ވަނީ މަރަދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލު ގްރޭޑް 1-6 ގެ ދަރިވަރުންނެވެ.

މަރަދޫ ސްކޫލު ދަރިވަރުންނަށް ޕްރޮގްރާމް ފެށީ މިދިޔަ މަހުގެ 24 ގަ އެއެވެ. އިރުޝާދިއްޔާގެ ދަރިވަރުންނަށް ފެށީ 30 ވަނަ ދުވަހު އެވެ.

މި ޕްރޮގްރާމުގައި ކޯޗަކީ ސްޕޯޓްސް މިނިސްޓްރީގެ "ފަތަމާ ހިނގާ ޕްރޮގްރާމް" އެމްބަސަޑަރު ނައުފަލް މޫސާ އެވެ.

މި ޕްރޮގްރާމުގައި 300 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެ އެވެ.

މިއީ ގަން ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މި އަހަރުގެ ތެރޭގައި ސްކޫލް ދަރިވަރުންނަށް ހިންގުމަށް އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އައްޑޫގެ ހުރިހާ ސްކޫލެއްގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މި އަހަރުގެ ކުރީކޮޅު "ފަތަމާ ހިނގާ" ޕްރޮގްރާމް އެންމެ ފުރަތަމަ ބޭއްވީ ފޭދޫ ސްކޫލު ދަރިވަރުންނަށެވެ. އެ ޕްރޮގްރާމުގައި 200 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެ، ފަތަން ދަސްކޮށްފައިވެ އެވެ.