ބޮލީވުޑްގެ ތަރިން ކަމަށްވާ ކާޖޮލް އާއި ޓްވިންކަލް ކަންނާ އެކީގައި ޓޯކް ޝޯއެއް ހޯސްޓްކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޝޯ އަކީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭ ހަމަޖެހިފައިވާ ޝޯއެކެވެ. އެކަމަކު ޝޯގެ ނަމާއި ގެނެސްދޭން ފަށާނެ އިރަކާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ. ނަމަވެސް ކާޖޮލް އާއި ޓްވިންކަލް ހޯސްޓްކުރާ ޝޯ އިން މަޝްހޫރު ސެލެބްރިޓީން މެހުމާނުންތަކެއްގެ ގޮތުގައި ފެންނާނެ ކަމަށް ފިލްމުފެއާ އިން ބުންޏެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކާޖޮލް އަކީ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 27 ގައި ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ "މާ" އެވެ. އަދި އަންނަ މަހު ގެނެސްދޭ "ސަރްޒަމީން" ވެސް ކާޖޮލް ފެންނާނެ އެވެ.
ޓްވިންކަލް އަކީ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުންނެވެ. އަކްޝޭއާ ކައިވެނިކޮށް، ފިލްމު ކުޅުން ހުއްޓައިލުމަށް ފަހު، ޓްވިންކަލްގެ ދާއިރާ އަކީ ލިޔުންތެރިކަމެވެ. މިހާތަނަށް އޭނަ ހަތަރު ފޮތެއް ނެރެފައިވާ އިރު، އެ ދާއިރާ އިން އިނގިރޭސިވިލާތުގެ ޔުނިވަސިޓީއަކުން 2023 ގައި މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވެ އެވެ.
ކާޖޮލް އާއި ޓްވިންކަލް ގުޅިގެން ޓޯކް ޝޯއެއް ހޯސްޓްކުރަން ތައްޔާރުވަމުން އަންނަ އިރު، ދެ ތަރިން ވެސް އެކަކު އަނެކެއްގެ ފިރިންނާ އެކު ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ. އަޖޭއާ އެކު ޓްވިންކަލް ކުޅުނު ފިލްމުތަކަކީ "ޖާން" އާއި "އިތިހާސް" އެވެ.
އަކްޝޭއާ އެކު ކާޖޮލް ކުޅުނު ފިލްމަކީ "ޔޭ ދިއްލަގީ" އެވެ.
ވަރަށް ގާތް ދެ ރައްޓެހިންގެ ގޮތުގައި ފާހަގަކޮށްލެވޭ އަޖޭ އާއި އަކްޝޭ ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ސުހާގް" އާއި "އިންސާން" އަދި "ސިންގަމް އެގެއިން" ހިމެނެ އެވެ.