Last Updated: July 5, 09:32
Saturday, July 5, 2025
ޚަބަރު

ވީއައިއޭއަށް ވަންނަ މަގު މަރާމާތު ކުރަން ބަންދު ކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ވަންނަ މަގު މަރާމާތު ކުރުމަށް ވަގުތީ ގޮތުން ބަންދު ކުރަން ނިންމައިފިއެވެ.

އެ އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ވީއައިއޭއަށް ވަންނަ މައި މަގު އެއްވަރު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.

އަދި މި މަސައްކަތް ކުރިއަށްދާނީ ހަތަރު ފޭސްއަކަށް ބަހާލައިގެން މި މަހު 7 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށެވެ.

މި ވަގުތުތަކުގައި ޓްރެފިކް ބަލަހައްޓައި، ރައްކާތެރިކަން ކަށަވަރުކުރުމުގައި އެ ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ. އޭގެ އިތުރުން ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއިރައްކާތެރިކަމަށް މަގު ބަންދުކޮށްފައިވާ ކަމުގެ ނިޝާންތަކާއި މާކިންތަކާއި ބެރިއާތައްވެސް ބަހައްޓާފައި ހުންނާނެ އެވެ.

މިކަމުގެ ސަބަބުން އެއާޕޯޓަށްދާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް އެމްއޭސީއެލް އިން މައާފަށް އެދެ އެވެ. އަދި އެއާޕޯޓް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެއް ކަމަށްވެސް އެމްއޭސީއެލް އިން ބުނެ އެވެ.