Last Updated: July 5, 09:59
Saturday, July 5, 2025
ކުޅިވަރު

ޖޮޓާއަކީ އެންމެންގެ ލޯބި ހޯދާފައިވާ ކުޅުންތެރިއެއް

ކާރު އެކްސިޑެންޓެއްގައި އިއްޔެ މަރުވި ލިވަޕޫލަށް ކުޅެމުން އައި ޕޯޗުގަލްގެ ފޯވާޑް، ޑިއޯގޯ ޖޮޓާ އަކީ އެންމެންގެ ލޯބި ހޯދާފައިވާ ކުޅުންތެރިއެއް ކަމަށް ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.

ސްޕެއިނުގެ ޒަމޯރާ ޕްރޮވިންސްގައި ހިނގި މި އެކްސިޑެންޓްގައި ޖޮޓާގެ އިތުރުން، އޭނާގެ ކޮއްކޮ، އަންޑްރޭ ސިލްވާ، 25، ވެސް ކާރުގައި އިނެވެ. އެކްސިޑެންޓުގައި ޖޮޓާގެ އިތުރުން ސިލްވާ ވެސް ވަނީ މަރުވެފަ އެވެ.

ޖޮޓާ ،28، މަރުވިއިރު އޭނާނާ ކައިވެނި ކޮށްފައިވަނީ، މީގެ ދެ ހަފްތާ ކުރިންނެވެ. ޖޮޓާގެ ތިން ދަރިން ތިބެ އެވެ.

ޖޮޓާގެ މަރާއެކު މުޅި ފުޓްބޯޅަ ދުނިޔެއަށް ބޮޑު ހިތާމައެއް ލިބިފައިވާއިރު، ލިވަޕޫލްގެ ކޯޗު ސްލޮޓް ބުނީ ޖޮޓާގެ މަރާއެކު ލިވަޕޫލަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށާއި ޖޮޓާ އަކީ ހަމައެކަނި ކުޅުންތެރިއެއްގެ ބަދަލުގައި އެއީ އެންމެންގެ ލޯބި ހޯދާފައިވާ މީހެއް ކަމަށެވެ. އަދި ޖޮޓާ އަކީ ލިވަޕޫލްގެ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ހުރި ކުޅުންތެރިއެއް ކަމަށްވެސް ސްލޮޓް ބުންޏެވެ.

ސްލޮޓް ބުނީ ޖޮޓާއާ އެންމެ ފަހުން ވާހަކަދެއްކި އިރު، ޕޯޗުގަލް ގައުމީ ޓީމާއެކު ނޭޝަންސް ލީގު ކާމިޔާބުކުރި ކަމަށްޓަކައި މަރުޙަބާ ކިޔައި، ކައިވެނީގެ ހެޔޮ އެދުންތައް އެރުވި ކަމަށެވެ. މިއީ ގިނަ ގޮތްގޮތުން ޖޮޓާ އަށް ހުވަފަނެއް ފަދަ ދުވަސްތަކެއް ކަމަށާއި ކަންކަން މިގޮތަށް ނިމިގެން ދިޔުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށްވެސް ސްލޮޓް ބުނެފައިވެ އެވެ.

ޖޮޓާ ވަނީ ލިވަޕޫލަށް ކުޅެދިން 182 މެޗުގައި 65 ގޯލު ކާމިޔާބުކޮށް، އެ ކްލަބާއެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން އިނގިރޭސި ލީގު ކަޕެއް ކާމިޔާބުކޮށްފަ އެވެ.

އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯ އަދި ވުލްވްސް އަށް ވެސް ކުޅުނު ޖޮޓާ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 49 މެޗު ކުޅެދީފަ އެވެ. އޭނާ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެދިން ފަހު މެޗަކީ ޔޫއެފާ ނޭޝަންސް ލީގު ފައިނަލްގައި ސްޕެއިންގެ މައްޗަށް ޕޯޗުގަލް އިން ކުރި ހޯދި މެޗެވެ.