Last Updated: July 4, 11:15
Friday, July 4, 2025
ޚަބަރު

މަހުޒޫމް އާއި ޝިމަން އަށް ދައުވާކުރުން ކުށްވެރިކޮށްފި

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާ އުފުލުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކަން ކުށްވެރިކޮށްފި އެވެ.

ޒުވާނުންގެ މުޒާހަރާގެ ތެރެއިން މަހުޒޫމް އާއި ޝިމަން ހައްޔަރުކޮށް ތިން ދުވަހަށް ބަންދުވެސް ކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ ދެ ޒުވާނުން ދޫކޮށްލާފަ އެވެ.

ޕީޖީ އޮފީހުން ބުނީ މަހުޒޫމްގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ކުރުމުގެ ދައުވާ ކަމަށާއި މި ދައުވާ އުފުލާފައިވަނީ މަހްޒޫމް ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮއްޕާލާފައިވާތީ ކަމަށެވެ. އަދި ޝިމަންގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ފުލުހުންގެ ސަފު ރޫޅާލުމަށް ފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މަހުޒޫމް އާއި ޝިމަން އަށް ދައުވާ ކުރުން ކުށްވެރިކުރާ ކަމަށާއި އެ ޒުވާނުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިހްތިޖާޖުކުރުމުގެ ހައްޤު ބޭނުންކުރުމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ނާއިންސާފުން ވައްދާލުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

އަދި ސިޔާސީ ބޭނުމަށް ދޮގު ޝަރީއަތްތައް ހިންގުން ތަކުރާރުވަމުންދާތަން ފެނުމަކީ ހިތާމަހުރި ކަމެއް ކަމަށާއި މިއީ ޒުވާނުންގެ ހިތްހަމަނުޖެހުންތައް ފާޅުކުރުން ހުއްޓުވަން ސަރުކާރުން ކުރާ ދެރަވަރު މަސައްކަތެއް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

ސިލްސިލާ ގޮތެއްގައި ޒުވާނުން މާލޭގައި ކުރި މުޒާހަރާ އަކީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރި މުޒާހަރާތަކެކެވެ.