އަންނަ އަހަރު ދަސްވެނިވާ ކީރިތި ޤުރުއާން ހިތުދަސް ޚާފިޒުންގެ އަދަދު މި އަހަރަށް ވުރެ ދެގުނަ އިތުރު ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޚާފިޒުން ދަސްވެނިވުމުމުގެ ރަސްމިއްޔާތު އަލަށް ބޭއްވީ މި އަހަރު އެވެ. އެގޮތުން ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ އެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވާ އިރު، އެ ރަސްމިއްޔާތުގައި 24 ޚާފިޒުން ދަސްވެނިވިފައިވެ އެވެ.
ޝަހީމު ސޯޝަލް މީޑިއާގައި ވިދާޅުވީ އަންނަ އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ގިނަ އަދަދެއްގެ ޙާފިޒުން ދަސްވެނިވާ ކަމަށެވެ.
"މިދިޔަ 27 ވިލޭރެއާ ބަލާފަ ދެގުނަ ގިނަވާނެ. އިންޝާ ﷲ. މި ހަފުތާގައި ވެސް ރާއްޖޭގެ ތިން ސަރަހައްދެއްގައި ހާފިޒުންގެ އިމްތިހާނު ކުރިއަށް އެބަދޭ." މިނިސްޓަރު ވިދާޅުވި އެވެ.
ރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ރެކޯޑްތަކުން ދައްކާގޮތުން، މި ވަގުތު ރާއްޖޭގައި 266 ހާފިޒުން އެބަތިއްބެވެ. އަދި ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއްގައި މި ވަގުތު 1،434 ދަރިވަރުން އަންނަނީޯ ޤުރުއާން ހިތުދަސްކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 783 އަންހެނުންނާއި އަ 651 ފިރިހެނުންނެވެ.
ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެންމެ ގިނަ މީހުން ކިޔަވަމުން ޤުރުއާން ހިތު ދަސްކުރަމުން އަންނަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގަ އެވެ. އެގޮތުން މާލެ ގޮފީގައި މި ވަގުތު 424 ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުން އަންނަ އިރު، ހުޅުމާލޭ ގޮފީގައި 155 ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުން ދެ އެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ މީހުން ކިޔަވަމުން އަންނަނީ ޢިލްމު އިންސްޓިޓިއުޓް އޮފް އިސްލާމިކް ސްޓަޑީޒްގައެވެ. އެތަނުގައި 127 ދަރިވަރަކު އަންނަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ.
އަތޮޅުތެރެއަށް ބަލާ އިރު، އެންމެ ގިނަ މީހުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ރ. ކިނޮޅަހުގައި ހިންގާ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގަ އެވެ. އެ ގޮފީގައި 80 ދަރިވަރުން ދަނީ ޤުރުއާން ހިތުދަސްކުރަމުން އަންނަ އިރު ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ފުވައްމަލަކުގައި ހިންގާ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައެވެ. އެއީ 67 ދަރިވަރުންނެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޒުންނަށް ސަރުކާރުން އަންނަނީ ޚާއްޞަ އިނާޔަތެއް ވެސް ދެމުންނެވެ. އެގޮތުން ކުރިން ދެމުން އައި 2،000ރ. ގެ އެލަވަންސް މި މަހުން ފެށިގެން ވަނީ 4،000ރ. އަށް ބޮޑުކޮށްފަ އެެވެ.
ޤުރުއާން ހިތުދަސްކުރާ މީހުންނަށް އިސްލާމިކް މިނިސްޓްރީން އަންނަނީ އުމުރާ ދަތުރުގެ ފުރުސަތު ވެސް ފަހިކޮށް ދެމުންނެވެ.