Last Updated: July 6, 09:17
Sunday, July 6, 2025
ޚަބަރު

ރާއްޖެ އިޝްތިހާރު ކުރަން އިންޑިއާގައި ރޯޑްޝޯތަކެއް

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް، ޕްރޮމޯޓް ކުރަން އިންޑިއާގައި މި މަހު ރޯޑްޝޯތަކެއް ބާއްވަން ނިންމައިފި އެވެ.

މަޓާޓޯ އިން އިންތިޒާމުކުރާ މި ރޯޑްތައް ބާއްވަން ނިންމާފައި ވަނީ އިންޑިއާގެ ތިން ސިޓީއެއްގަ އެވެ. އެގޮތުން 21 ދުވަހު ޗެންނާއިގައި 23 ވަނަ ދުވަހު އަހުމަދުއާބާދުގައި ރޯޑްޝޯ ބޭއްވުމަށް ފަހު 25 ގައި ބާއްވާނީ ޖެއިޕޫރްގަ އެެވެ.

މަޓާޓޯ އިން ބުނީ މިއީ "ވެލްކަމް އިންޑިއާ" ގެ ނަމުގައި ރާއްޖެ އިޝްތިހާރު ކުރަން ސިލްސިލާކޮށް ބާއްވަން ފެށި ރޯޑްޝޯގެ ދެވަނަ ބުރު ކަމަށެވެ. މީގެ ފުރަތަމަ އިވެންޓް ބޭއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

މިކަން ކުރިއަށް ގެންދަނީ އެމްއެމްޕީއާރްސީ އާއި ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އާ ގުޅިގެންނެވެ.

އިންޑިއާގައި މި ފަހަރު ބާއްވާ ރޯޑްތަކުގައި ބައިވެރިވާން ބޭނުންވާ ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް މާދަމާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ. ތިން ސިޓީގައި ބައިވެރިވާ ނަމަ ފީއަކަށް 3،000 ޑޮލަރު ދައްކަން ޖެހެ އެވެ. އަދި އެއް ސިޓީގެ ރޯޑްގައި ބައިވެރިވާން ބޭނުންވާ ނަމަ ފީ އަކީ 1،200 ޑޮލަރެވެ.

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން މި ފަހުން ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ އިރު، އެ ގައުމު މިހާރު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ ހަ ވަނައިގަ އެވެ. ރާއްހެ ޕްރޮމޯޓްކުރަން ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ވެސް ހަމަޖައްސާފައި ވަނީ އިންޑިއާގެ ފިލްމޫ ތަރިއެކެވެ. އެއީ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފެވެ.