ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ސައިފް އަލީ ޚާނާއި އަކްޝޭ ކުމާރު އެކީގައި ކުޅެން ހަމަޖެހިފައިވާ އާ ފިލްމުގެ ނަމަކީ "ހައިވާން" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޕްރިޔަދަރުޝަން ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ތުރިލާއެކެވެ. މިއީ އޭނައާ އެކު ސައިފް މަސައްކަތް ކުރާ ފުރަތަމަ ޕްރޮޖެކްޓެވެ. ރިޕޯޓްތައް ބުނާ ގޮތުން އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ "ހައިވާން" ގައި ސައިފް ކުޅޭނީ ލޯފަން ކެރެކްޓާއެކެވެ.
އަކްޝޭ ކުރިން ވެސް ޕްރިޔަދަރުޝަނާ އެކު މަސައްކަތްކޮށްފައިވާ އިރު، އަންނަ އަހަރު ވެސް އެ ދެ މީހުން އެކީގައި މަސައްކަތްކޮށްފައިވާ ފިލްމެއް ގެނެސްދޭނެ އެވެެ. އެއީ އެޕްރީލަށް ތާވަލުކޮށްފައި އޮތް ހޮރޯ-ކޮމެޑީ "ބޫތު ބަނގްލާ" އެވެ. އަދި އަކްޝޭގެ "ހީރާ ޕޭރީ" ފްރެންޗައިޒްގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ އޭގެ ތިން ވަނަ ބައިގެ ޑައިރެކްޓަރަކީ ވެސް ޕްރިޔަދަރުޝަނެވެ.
އެ ދެ މީހުން އެކީގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި "ގަރަމް މަސާލާ" އާއި "ބަގަމް ބާގް" އަދި "ބޫލް ބުލައްޔާ" ހިމެނެ އެވެ.
ސައިފާއި އަކްޝޭ އެކީގައި ފިލްމެއް ކުޅެން ސޮއިކޮށްފައި މި ވަނީ ވަރަށް ގިނަ އަހަރުތަކެއް ފަހުންނެވެ. ދެ ތަރިން އެކީގައި އެންމެ ފަހުން ކުޅުނު ފިލްމަކީ 2008 ގެ "ތަޝަން" އެވެ. ސައިފާއި އަކްޝޭ އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "މޭ ކިލާޅީ ތޫ އަނާޅީ" އަދި "ޔޭ ދިއްލަގީ" ހިމެނެ އެވެ.