Last Updated: July 6, 09:17
Sunday, July 6, 2025
ޚަބަރު

ރިބާގެ ސަބަބުން މުދަލުގެ ބަރަކާތް ކެނޑޭނެ: ހުތުބާ

ރިބާއަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ، "ޙަލާލު ގޮތުގައި މާލީ މުއާމަލާތްތައް ކުރުން" މި މައުޟޫގެ މައްޗަށެވެ.

ހުކުރު ހުތުބާގައި ބުނީ ރިބާ ކާމީހާ ފާފަވެރިވާ ފަދައިން، އެކަމުގައި ޝާމިލުވާ އެހެނިހެން މީހުން ވެސް ފާފަވެރިވާނެ ކަމަށާއި ރިބާ ކާމީހާއާއި، ރިބާ ދޭ މީހާއާއި، އެކަމާ ގުޅޭ ލިޔުންތައް ލިޔާ މީހާއާއި އެ ކަމަށް ހެކިވާ މީހުން ވެސް ހިމެނޭ ގޮތަށް، މި އެންމެންނަކީ، ފާފާގައި ހަމަހަމަ ބައެއްކަމާއި، މި އެންމެންނަށް ﷲގެ ލަޢުނަތް ހުރިކަމަށް ނަބިއްޔާ ވަނީ މި އުންމަތަށް އިންޒާރުކުރައްވާފައިވާ ކަމަށެވެ.

ރިބާއަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެއް ކަމަށާއި އަދި އެއީ އުހުރަވީ ހަޔާތުގައި ވެސް ވޭންދެނިވި ޢަޛާބާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

ކެއުމުގައި ޙަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީ ވެސް ޙަލާލު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ހެދުމަށް ޚުތުބާގައި ގޮވާލިއެވެ. އަދި މުޅި ދުނިޔެއަށް މިހައި ތަނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގިނަ ކާރިސާތައް މެދުވެރިވި ސަބަބަކަށްވީ ރިބާގެ ކަމަށާއި އެކަމުގެ ސަބަބުން އިޤްތިޞާދީ ނަފާވެރިކަން މަދުބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމަޢުގެ ތެރޭގައި އޮންނާންޖެހޭ އިޤްތިޞާދީ ޢަދުލުވެރިކަން ނެތި ކޮށްލާ ކަމަށް ޚުތުބާގައި ބުންޏެވެ.

"ރިބާގެ ނުރައްކާތެރި ވަބާއިން މުޅި އިޤްތިޞާދީ ނިޒާމު ސަލާމަތްކުރުމަކީ، މިއަދު މުޅި މުޖުތަމަޢުގެ ޙައްޤުގައި އަހަރެމެން ކުރާންޖެހޭ ކަމެކެވެ. ޝައްކާއި ވަހުމް އުފެދޭ މުޢާމަލާތްތަކުން މަންފާ ލިބިގަތުމުގެ ބަދަލުގައި، ޝައްކުކަމެއް ނެތް ހުއްދަ މުޢާމަލާތުތަކަށް ރުޖޫޢަވާން ޖެހެއެވެ" ޚުތުބާގައި ބުންޏެވެ.