އިންޑިއާ އާއި ރާއްޖެއާ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓް ގުޅުން ބަދަހި ކުރުމަށް އަމާޒުކޮށް މިހާރު ކުރިއަށްދާ މަސައްކަތްތައް މުރާޖަޢާކޮށް އަވަސްކުރުމަށް މަޝްވަރާތަކެއްކޮށްފި އެވެ.
އެ މަޝްވަރާތައް ބާއްވާފައި ވަނީ އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބަރްތުވާލް ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ އެކީ ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެގޮތުން އެ ބައްދަލުވުމުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް ގުޅުން ބަދަހިކުރުމާއި ދެ ގައުމުގެ އިގުތިސާދީ އެއްބާރުލުން ވަރުގަދަކުރުމާ ގުޅޭ ގޮތުން އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބުންޏެވެ.
އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ބޮޑަށް އެހީވާ އެއް ގައުމެވެ. އެގޮތުން އެ ގައުމުން ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ވެސް ހިންގަމުން އަންނަ އިރު، ރާއްޖެ އަށް މާލީ ގޮތުން އެތައް އެހީއެއް ވެސް ވެފައިވެ އެވެ.
ރާއްޖޭގައި އިންޑިއާ މިހާރު ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ތިލަމާލެ ބްރިޖާއި އައްޑޫ ގަން އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުން ފާހަގަކޮށްލެވެ އެވެ.