Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ބުޅާތައް މަރުވާން ދޫކޮށްލައިގެން ތިބުމަކީ އަނިޔާވެރި އަމަލެއް

މާލޭ މޭޔަރު އާދަމް އާޒިމް- ފޮޓޯ: މާލެސިޓީ ކައުންސިލް

ބުލާތައް މަރުވާން ދޫކޮށްލައިގެން ސަރުކާރުން ތިބުމަކީ އަނިޔާވެރި އަމަލެއް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ މަރުވާ ބުޅާތައްވެސް އަދި އެހެން އެއްޗެހިވެސް ނަގަނީ މާލެ ސިޓީ ކައުންސިލުން ކަމަށާއި، އެނިމަލް ވެލްފެއާ މިނިސްޓްރީން ކުރާ ކަމެއް ނެތް ކަމަށެވެ.

އަދި މާލެ ސިޓީ ކައުންސިލުން ހެދި ބުޅާ ފެސިލިޓީ ވެސް ގަދަކަމުން އަތުލައިގެން، އެތަނަށް އަމިއްލަ މީހުންގެ ބުޅާ ލައިގެން އުޅޭ ހަބަރު ލިބޭ ކަމަށް އާޒިމް ވިދާޅުވި އެވެ. ނަމަވެސް އެ ބުޅާ ފެސިލިޓީއަކީ މަގުމަތީގައި އުޅޭ ބުޅާތައް ލުމަށް ކައުންސިލުން ހެދި ތަނެއް ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް އަދިވެސް ބުޅާތައް އެތަނަށް ނުގެންގޮސް، ރައްޔިތުން ބުޅާ ނަޖިހުގައި އުޅެން ޖައްސާފަ، އަދި ބުޅާތައް މަރުވާން ދޫކޮށްލައިގެން ސަރުކާރުން އެތިބީ." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މިގޮތަށް ބުޅާތައް މަރުވާން ދޫކޮށްލައިގެން، ރައްޔިތުން ނަޖިހުގައި ބައިތިއްބައިގެން ސަރުކާރުން ތިބުމަކީ ވަރަށް އަނިޔާވެރި އަދި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި ބުޅާތައް ލާނެ ތަނެއް ނެތިގެން މިހާރު ތިބެން ނުޖެހޭނެ ކަމަށާއި މަގުމަތީގައި އުޅޭ ބުޅާތައް ވަގުތުން ބުޅާ ފެސިލިޓީއަށް ގެންދިއުމަށް އާޒިމް ވަނީ ގޮވާލާފަ އެވެ.