ސަލްމާންގެ އާ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކުރަމުން ދިޔަ ގޮތަށް މިއީ ޑައިރެކްޓަރު އަޕޫރްވާ ލާކިއާ ހަނގުރާމަކަށް ހަދާ ބިނާކޮށް ޑައިރެކްޓްކުރާ ފިލްމެކެވެ. މޯޝަން ޕޯސްޓަރު ވެސް އާންމުކޮށްފައިވާ ފިލްމުގެ ނަމަކީ "ބެޓްލް އޮފް ގަލްވާން" އެވެ.
މިއީ ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެ ފޮތް ބިނާކޮށްފައި އޮތީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވަން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށެވެ.
"ބެޓްލް އޮފް ގަލްވާން" އަކީ އަޕޫރްވާއާ އެކި ސަލްމާން މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. "އޭކް އަޖުނަބީ" އާއި "ޝޫޓްއައުޓް އެޓް ލޯކަންދުވާލާ" އާއި "މިޝަން އިސްތަންބޫލް" އާއި "ޒަންޖީރު" ފަދަ ފިލްމުތައް ގެނެސްދިން އަޕޫރްވާގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "ހަސީނާ ޕަރްކާރް" އެވެ.
މި މަހުގެ ތެރޭގައި ޝޫޓިން ފަށާ "ބެޓްލް އޮފް ގަލްވާން" ގައި ސަލްމާން ކުޅޭނީ ސިފައިންގެ މީހެއްގެ ރޯލެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ބަތަލާ އަކީ އޭނައާ އެކީ އަލަށް މަސައްކަތްކުރާ ޗިތުރަންގަދާ ސިންގް އެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ރިލީޒްކޮށް، ފިނި ތަރުހީބެއް ލިބުނު އެކްޝަން ތުރިލާ "ސިކަންދަރު" އެވެ.