Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ކެލާ ފަޅު ރިސޯޓް ބީލަން ބާތިލުކޮށްފި

ހއ. ކެލާ ފަޅުތެރޭގައި ރިސޯޓްތަތެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުރާސްފަތީގައި ނެރުނު އިއުލާނެއްގައި ބުނީ ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އިއުލާން ބާތިލުކުރީ، ޓޫރިޒަމް ތަރައްގީވެފައި ނުވާ ހަ އަތޮޅަށް އިންވެސްޓަރުން ޝައުގުވެރިކުރުމަށްޓަކައި ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާތީ، އެ އުސޫލުގެ ތެރެއިން ކެލާ ފަޅުގެ މަޝްރޫއު ހުޅުވައިލުމަށް ކަމަށެވެ.

ކެލާގެ އިހުތިސާސުން 325.5 ހެކްޓަރު އުނިކުރުމުގެ ގަރާރު ގެޒެޓްކުރީ މާޗް 29 ގަ އެވެ.

ކެލާ ފަޅުގައި ތަރައްގީކުރަން ޕްލޭންކޮށްފައިވާ ދެ ރިސޯޓުގެ ތެރެއިން ފުރަތަމަ ރިސޯޓަށް ކަނޑައަޅާފައި އޮތީ 169.3 ހެކްޓަރެވެ. އެ ސަރަހައްދުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2،032،110 ޑޮލަރެވެ. އަނެއް ރިސޯޓަށް 156.2 ހެކްޓަރު ކަނޑައަޅާފައިވާ އިރު، އަގަކަށް ހަމަޖައްސާފައި އޮތީ 1،996،740 ޑޮލަރެވެ.

މި ދެ މަޝްރޫއުއަށް މާޗު މަހު ހުޅުވައިލި އިރު ބީލަން ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި މި މަހުގެ 4 އެވެ.

ކެލާގެ ފަ ތެރޭގައި ރިސޯޓް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.