Last Updated: July 7, 10:21
Monday, July 7, 2025
މުނިފޫހިފިލުވުން

އާ ފިލްމުގެ ނަން ލަހެއް ނުވެ އިއުލާން ކުރާނަން

ސްރީލީލާ، ކާތިކް އަދި އަނޫރާގް.

ކާތިކް އާރިއަނާ އެކު މި އަހަރު ގެނެސްދޭން ނިންމާފައިވާ ފިލްމުގެ ނަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޑައިރެކްޓަރު އަނޫރާގް ބާސޫ ބުނެފި އެވެ.

އިއްޔެ ސިނަމާތަކަށް ގެނައި "މެޓްރޯ…އިން ދިނޯ" ގެ ޑައިރެކްޓަރު ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި ބުނީ ކާތިކާއި ދެކުނުގެ ބަތަލާ ސްރީލީލާ ލީޑް ރޯލު ކުޅޭ ފިލްމުގެ ޝޫޓިންގެ ދެބައިކުޅަ އެއްބައި މިހާރު އޮތީ ނިމިފައި ކަމަށެވެ.

"ބާކީ މަންޒަރުތައް ވަރަށް އަވަހަށް ޝޫޓްކުރަން ފަށާނަން. އަދި މަހެއްހާ ދުވަހުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމާ ވެސް ލާނަން،" ހުނަރުވެރި ޑައިރެކްޓަރު ބުންޏެވެ. "ވަރަށް އަވަހަށް ފިލްމުގެ ނަން ވެސް އިއުލާން ކުރާނަން."

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަސަރު ގަދަ ލޯބީގެ މިއުޒިކަލްއެއް ގޮތުގައި ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ނަމަކީ "އާޝިގީ 3" އެވެ. މީޑިއާތަކުން އެގޮތަށް ބުނަނީ އަނޫރާގް ޑައިރެކްޓްކުރާ ގޮތަށް އަދި ކާތިކް ބަތަލުގެ ވެސް ރޯލު ކުޅޭ ގޮތަށް 2023 ގައި "އާޝިގީ 3" އިއުލާންކޮށްފައިވާތީ އެވެ. އަދި މި ފިލްމުގެ ޝޫޓިން ފެށި ފަހުން ޓީޒާއެއް އާންމުކުރި އިރު 1990 ގެ "އާޝިގީ" ގެ ލަވައެއް ކަމަށްވާ "ތޫ ހީ އާޝިގީ ހޭ" ޓީޒާ އިން އިވޭތީ މި ފިލްމަކީ "އާޝިގީ 3" ކަމަށް ބުނަނީ އެވެ.

އެ ފިލްމު އިއުލާންކުރީ "އާޝިގީ" ގެ ކުރީގެ ދެ ފިލްމު ގެނެސްދިން މުކޭޝް ބަޓްގެ ވިޝޭޝް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ. ނަމަވެސް ޓީ ސީރީޒާއި މުކޭޝްއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ވިޝޭޝް އިން މިހާރު އާ ފިލްމުގައި ހިއްސާއެއް ނުވެ އެވެ.

އެހެންވެ ހަމަ ހަގީގަތުގައި ވެސް އަނޫރާގް ގެނެސްދޭން އުޅެނީ "އާޝިގީ 3" ތޯ ބަލަން ވަރަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފަ އެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.