Last Updated: July 6, 06:23
Sunday, July 6, 2025
ޚަބަރު

ހަނިމާދޫ އެއާޕޯޓު ވިއްކާލާކަށް ނޫޅޭ: ސައީދު

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގު ކުރައްވައިފި އެވެ.

ސައީދު މިހެން ވިދާޅުވެފައިމިވަނީ ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލުމަށް އުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. އެ ގޮތުން އެކަމުގެ މަޝްވަރާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ސައީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގެއް ކަމަށެވެ.

"ހަނިމާދޫ އެއާޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އުޅޭ ކަމަށް ބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާއި ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނު ދޮގެއް،" ސައީދު ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަމުން އަންނަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް އިންނެވެ. މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ހަވާލުކުރީ ސެޕްޓެމްބަރު 25، 2022 ގަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2023 ގެ ޖެނުއަރީގަ އެވެ.

މި އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ. މި އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ.