Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

އާ ޓާމިނަލަކީ ސަލާމަތީ މިންގަނޑުތައް ފުރިހަމަ ތަނެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލަކީ ސަލާމަތީ މިންގަނޑުތައް ފުރިހަމަ ތަނެއް ކަމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގެ ހެޑް އަހުމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އައު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކަށް ހާއްސަކޮށްގެން އެމްއޭސީއެލް އިން ސިލްސިލާކޮށް އެކްސްގައި ޕޯސްޓްކުރަމުން އަންނަ ވީޑިޔޯގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އައު ޓާމިނަލުގައި ގާއިމުކޮށްފައިވާ ބެގޭޖް ހޭންޑްލިން ސިސްޓަމް (ބީއެޗްއެސް) އަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ވަރަށް ފުރިހަމަ ސެކިއުރިޓީ މިންގަނޑުތައް އެކުލެވިގެންވާ ސިސްޓަމެއް ކަމަށެވެ.

އައު ޓާމިނަލަކީ ވަރަށް ގިނަ ގޮތް ގޮތުން ރާއްޖެއަށް އުފާވެރިކަން ގެނެސްދޭނެ ތަނަކަށްވާނެކަމަށް ވެސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން އައު ޓާމިނަލްއާއެކު ރާއްޖެ އަންނަން ބޭނުންވާ ގިނަ އެއާލައިންތަކަށް ޖާގަ ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގެ ޒިންމާއަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އޭވިއޭޝަން ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ މުއާހާދާތަކުގައި ބަޔާންކޮށްފައިވާ ކަންތައްތައް ރެގިއުލޭޓް ކުރުމަށާއި ސިވިލް އޭވިއޭޝަން ސެކިއުރިޓީއަށް ބުރޫއަރާފާނެ ކަންކަމުން ވައިގެ ދަތުރުފަތުރުގެ ނިޒާމު ހިމާޔަތްކުރާނެ އުސޫލު ކަނޑައެޅުމެވެ.

ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާއި ގުޅުންހުރި އެންމެހާ ކަންކަމުގައި ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުގައި ދިވެހި ދައުލަތް ތަމުސީލު ކުރަމުންދަނީ ވެސް ޑާސާ އިންނެވެ.