Last Updated: July 7, 11:49
Monday, July 7, 2025
ރިޕޯޓް

ޙިޖާބު އެޅުމަށް ފަސްޖެހޭ ބައެއް ސަބަބުތައް!

އިސްލާމީ ރިވެތި ޝިޢާރުތަކުގެ ތެރެއިން މުހިއްމު އެއް ޝިޢާރަކީ އެދީނަށް ހެ ޔޮގޮތުގައި ތަބާވާ މީހުންގެ ހެދުން އެޅުމުގެ ވައްޓަފާޅި އެވެ. އެބައިމީހުންނަކީ އިސްލާމް ދީނުގެ މަތިވެރި މީޒާނުން ކިރާލައިގެން މެނުވީ ހެދުންލައި ޒީނަތްތެރިވެ އުޅޭ ބައެއް ނޫނެވެ. އެބައި މީހުންގެ ދިރިއުޅުމުގެ އެންމެހާ ކަމެއް ބިނާ ކުރަނީ އިސްލާމީ ބިންގަލުގެ މައްޗަށެވެ. އެދީނުގެ ޙުކުމްފުޅުތަކުގައި މަނާ ކުރައްވާފައި ވާކަމެއް ކަމުގައިވާ ނަމަ އެކަމަކުން ދުރުވެގަންނަ ބައެކެވެ.

ބަޔާންވެ މި ދިޔައީ ފުރިހަމައަށް ﷲއަށް ކިޔަމަންތެރި މީހުންގެ ޢަމަލުތައް ބައްޓަން ކުރާނެ ގޮތެވެ.

މިގޮތުން، މުސްލިމް އަންހެނުންގެ ޢިއްފަތްތެރިކަމަށާއި، ރައްކާތެރިކަމަށާއި، ސަލާމަތަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަނބަލުން ޝަރުޢީ ޙިޖާބުން ޙިޖާބުވުމަށް އަންގަވައިފަ އެވެ. އެއްވެސް ޙާލެއްގައި އެއީ ބަޔަކަށް ދަތި އުނދަގުލެއް ކުރިމަތިކުރެއްވުމަކަށް ނޫނެވެ. ހަމައެނި އެ ކަނބަލުންގެ ޢިއްފަތްތެރިކަމަށާއި، ރައްކާތެރިކަމަށާއި، ސަލާމަތަށްޓަ ކައެވެ. އެއީ އެކަނބަލުން ހެއްދެވި ޙިކުމަތްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ އަމުރުފުޅެވެ. މިކަމާ ބެހޭ ވާހަކަތައް މި މަޢުޟޫޢާ ގުޅޭ ވަރަށްގިނަ ފޮތްފޮތުގައި ބަޔާންވެގެން ވެއެވެ.

ނަމަވެސް ހިތާމަ އަކީ، މުސްލިމް އަންހެނުންގެ ތެރޭގައި މިމަތިވެރި ހެދުންއެޅުމުގެ ވަށްޓަފާޅިއަށް ފުރަގަސްދޭ މީހުން އުޅޭ ކަމެވެ. ޝަރުޢީ ޙިޖާބުން ޙިޖާބުވާން ޖެހުލުންވާމީހުން އުޅޭކަމެވެ. ކަމަކީ ބޭރުފުށުން އެންމެންނަށް ފެންނަ ކަމެއް ކަމުގައިވުމުން މިކަމަށް ހުރަސްއަޅާ ތަފާތު އުޒުރުތަކެއް ހުރެދާނެ އެވެ. މި އުޒުރުތަކާ ދެކޮޅަށް މީހާ ކުރަން ޖެހޭ ޖިހާދަކީ ބޮޑުވެގެންވާ ޖިހާދެކެވެ.

ޝަރުޢީ ޙިޖާބުން ޙިޖާބުވެއްޖެ ނަމަ އަތުވެދާނެ އިމްތިޙާނުތަކާ ދެކޮޅަށް ތިމާގެ އީމާންކަމާއި، ވިސްނުމާއި، ޤަބޫލު ކުރުން ތަރުބިއްޔަތުކޮށްގެން މެނުވީ މިކަމުގައި ފަލާޙާ ކާމިޔާބެއް ނުލިބޭނެ އެވެ. މިގޮތުން މުސްލިމް އަންހެނުން ޝަރުޢީ ޙިޖާބުން

ޙިޖާބުވުމަށް ހުރަސްއަޅާ ބައެއް ޢުޒުރުތަކުގެ ތެރޭގައި:

1. އަހަރެންގެ ރައްޓެހިން އަހަރެން ދޫކޮށްލާނެ އެވެ.

އަހަރެންގެ ރައްޓެހިންގެ ތެރެއިން ބައެއް މީހުންނަކީ ބުރުގާ ނާޅާ ފެޝަނަށް ލޯބިކުރާ ބައެކެވެ. އަނެއް ބައި މީހުންނަކީ ބުރުގާ އެޅި ނަމަވެސް ފެޝަނެއްގެ ގޮތުން ބުރުގާ އަޅާ ބައެކެވެ. އިސްލާމް ދީނުގައިވާ ބުރުގާއެޅުމަށް އަންގަވާ ދެއްވާފައިވާ ގޮތާ މިމީ ހުން ބުރުގާ އަޅާ ގޮތާ ޚިލާފެވެ.

އަހަރެންގެ މި ރައްޓެހިންގެ މަޖަލަކަށްވެފައި އޮންނަނީ އިސްލާމް ދީނުގައިވާ ގޮތަށް ބުރުގާއަޅާ މީހުންނަށް ކުޑައިމީސްކިޔުމެވެ. ޖޯކުޖެހުމެވެ. “ހާދަ ހޫނު ގަދަވާނެ އެވެ.” “ފެޝަނެއް ނުދަންނަ ބައެކެވެ.” މިއީ ހައްތަހާ ވެސް އަހަރެންގެ ރައްޓެހިންގެ ދޫމަތީ ބަސްތަކެވެ. އަހަރެން ޝަރުޢީ ބުރުގާއެއް އަޅައިފި ނަމަ، ރައްޓެހިންގެ މިމަލާމާތުގެ ބަސްތަކަށް ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟

މިގޮތަށް އެމީހުން އަހަރެންނާ ދިމާކުރާކަށް ނޭދެމެވެ. އެމީހުން އަހަރެން ބާކީކޮށް އެއްފަރާތްކޮށްލާނެކަމުގެ ބިރު އަހަރެންގެ ހިތުގައި އުފެދެ އެވެ.

2. އަހަރެންގެ ވަޒީފާ ގެއްލިދާނެ އެވެ.

އަހަރެންނަކީ މަތީ ވަޒީފާއެއްގައި އުޅޭ، ބޮޑު މުސާރައެއް ލިބޭ މީހެކެވެ. ވަޒީފާއަދާކުރާތަނުގެ މުވައްޒަފުންގެ ފަރާތުންނާއި މުޖުތަމަޢުގެ ފަރާތުން ނުހަނު މަތިވެރި ޤަދަރެއް ލިބިފައިވެއެވެ. މިވަޒީފާއަކީ އަހަރެން ވަރަށް ހިތްހަމަޖެހޭ ވަޒީފާއެކެވެ. މީހުންގެ ހިތްތަކުގައި އަހަރެންނަށް ދެވިފައިވާ ލޯތްބާއި އިޙްތިރާމު އަބަދުވެސް އެގޮތުގެމަތީ ދެމިއޮންނަން ބޭނުމެވެ. މިއެންމެހާ ކަމެއް، ބޮލުގައި އަޅާލާ “ފޮތިގަނޑަކަށްޓަކައި” ނަގާލުމަކީ އަހަރެންނަށް ވާނޭ ކަމެއް ނޫނެވެ.

އެފަދަ ގޮތަކަށް ހުރެ ރަސްމީ ބައްދަލުވުންތަކާއި އިޖްތިމާޢީ ކަންތައްތަކުގައި އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ މީހުން އަހަރެންނާމެދު ބުނާނީ ކީކޭ ހެއްޔެވެ؟ އަހަރެންނާމެދު މީހުން ދެކެމުން އައިގޮތް މުޅިން ބަދަލުވެދާނެއެވެ. އަހަރެން ވަޒީފާއިން ކަނޑާލަ ފާނެއެވެ. ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް ނުލިބޭނެއެވެ. އޭރުން އަހަރެންނާއި ދަރިންގެ ޚަރަދުތައް ބަލަހައްޓާނީ ކިހިނެއް ހެއްޔެވެ؟

3. އަހަރެންގެ އާއިލާއަކީ ފެޝަނަށް ލޯބިކުރާ އާއިލާއެކެވެ.

އަހަރެންގެ އާއިލާގައި ބުރުގާއަޅާމީހުންނާއި ނާޅާމީހުން އުޅެއެވެ. މިއެންމެންނަކީވެސް ފެޝަނަށް ވަރަށް ލޯބިކުރާ ބައެކެވެ. ހެދުން އެޅުމުގައި އެއިރެއްގެ އެންމެ ހިނގާ ފެޝަނަކަށް ޚާއްޞަ ސަމާލުކަމެއްދޭ ބައެކެވެ. ޕާޓީތަކާއި އެހެނިހެން ހަފްލާތަކުގައި އާއިލާއެންމެން އެއްވައްތަރުން، އެ ހަފްލާއަކާ ގުޅޭ ގޮތަށް ހެދުން އެޅުމަކީ އާއިލީ އާދަކާދައެކެވެ. މަންމަ ވެސް ބުރުގާ އަޅައިގެން ހުއްޓަސް ޖިންސާއި، ބާރު ޓޮޕް ލައެވެ. ގޭގެ ކޮޓަރިތަކުގެ ރީތިވާ މޭޒުމަތި ފުރި ބަނޑުންލާފައިވަނީ ރީތިވާ މޭކަޕް ސާމާނުތަކުންނެވެ.

ދީނީ ޢިލްމު ޙާޞިލުކޮށްފައިވާ މީހެއްގެ ބަހަށް އަހަރެން އެންމެ ކުޑައިރުއްސުރެ މިއަދާހަމައަށް އުޅެމުން މިއައިގޮތް ބަދަލުކުރަންވީ ހެއްޔެވެ؟ މިއަދާޖެހެންދެން އަހަރެންނަށް ކިޔަވަދީ، އެންމެހާ ޚަރަދަކާއި، އެހީތެރިކަން ފޯރުކޮށް ދެމުން ގެންދިޔަ އާއިލާ މީހުންނާ ދެކޮޅަށް މިފަދަ ބަދަލެއް ގެންނާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންނާ ދެކޮޅަށް ކަމެއްކުރާކަށް އަހަރެންނަކަށް ނުކެރޭނެ އެވެ.

4. މީހުންގެ ލޯތަށް އަހަރެންނާ ދިމާލަށް ހުއްޓޭނެ އެވެ.

ޝަރުޢީ ބުރުގާއަކުން ބުރުގާ އަޅައިގެން މަގުމައްޗަށް ނުކުމެއްޖެ ނަމަ މީހުންގެ ނަޒަރު ޚާއްޞަކޮށް އަހަރެންނާ ދިމާލަށް ހުއްޓޭނެއެވެ. މީހުން ބުނެފާނެ ބަސްތަކަށް އަހަރެން ލަދުގަނެއެވެ.

5. އަހަރެން މާ ރަނގަޅެވެ.

ދީނީ ތަފާތު ލިޔުންތަކުންނާއި، މަޖައްލާތަކުންނާއި، ސައިޓުތަކުގައި އަންހެނުން ބުރުގާ އެޅުމުގެ ވާހަކަ ވަރަށް ގިނައިން ގެނެސްފައިވާ ތަން ފެނެއެވެ. އެއީ ރަނގަޅު ގޮތްކަން ވެސް އެނގެ އެވެ. ނަމަވެސް މުސްލިމުންގެ ތެރޭގައި އިސްލާމް ދީނުގައި އަންގަވާ ދެއްވާފައިވާ ގޮތަށް ބުރުގާ ނާޅަނީ ތިމަން އެކަންޏެއް ނޫނެވެ. އެތައް ބަޔަކު އެބައުޅެ އެވެ.

މަގުމަތިން ދާއިރު ބަލާލިޔަސް، އޮފީސްތެރެއަށް ބަލާލިޔަސް ގިނަމީހުންނަށްވުރެ އަހަރެން ހެދުންއަޅާގޮތް މާރަނގަޅެވެ. އެހާވަރުން އެކަން ކަމާނޫޅުނަސް ރަނގަޅުވާނެ އެވެ.

6. އިސްލާމް ދީނަކީ ލުއި ފަސޭހަ ދީނެކެވެ.

އިސްލާމް ދީނަކީ ލުއި ފަސޭހަ ދީނެއްކަމުގައި ބުނާތީ އަޑުއިވެއެވެ. ބޮޑެތި ބުރުގާތައް އަޅައިގެން އުޅޭ މީހުންނަކީ ހަރުކަށިކަމަށް ލޯބިކުރާ، އަމިއްލައަށް އުނދަގޫ ޖެހިގެން އުޅޭ ބައެކެވެ. ބުރުގާއަޅައިގެން ގޭގައާއި މަގުމަތީގައި އުޅެން ހާދައުނދަގޫ ވާނެއެވެ. ހަމައެހާމެ ހޫނުގަދަވާނެއެވެ. އަދި ބުރުގާ އެޅުމުން ބިހިނަގައި، ބޯހިރުވާ، ބޮލުން އިސްތަށިފައިބާ، ބޮލުގަރިއްސައޭ ބުނާ އަޑު އަހަމެވެ.

މިހާ އުނދަގުލޭ ބުނާ ކަމެއް އިސްލާމް ދީނުގައި އޮންނާނެ ހެއްޔެވެ؟ އިސްލާމް ދީނަކީ ލުއި ފަސޭހަ ދީނެކެވެ. އަހަރެން ނަމާދުކޮށް، ރޯދަމަހު ރޯދަހިފާ އުޅެމެވެ. އެހައިވަރުން ފުދޭ ނެއެވެ.

7. އަހަރެންގެ މިނިވަންކަމެވެ.

އަހަރެންގެ ހަށިގަނޑަކީ އަހަރެންގެ އަމިއްލަ މިނިވަން އެއްޗެކެވެ. އެހަށިގަނޑާމެދު ޢަމަލު ކުރަން ޖެހޭ ގޮތް އެނގޭނީ އަހަރެންނަށެވެ. އަހަރެންގެ އަމިއްލަ މިނިވަންކަމާ އެކަކަށް ވެސް ނުބެހެވޭނެ އެވެ. އަހަރެންނަށް ރީތި ގޮތްގޮތަށް އަހަރެންގެ ހަށިގަނޑަށް ހެދުމަކީ އަހަރެންގެ މިނިވަންކަމެވެ.

8. ދަތްހުރި ދުވަހު ކާށި ކާނީއެވެ.

ބުރުގާއެޅުމަކީ ޒުވާންކަން ގެއްލުވާލާ ކަމެކެވެ. ބުރުގާ އަޅައިގެން އުޅޭ އަހަރެންގެ ބައެއް ރައްޓެހިން ފެނުމުން ހާދަ ހަޑިއެވެ. ހީވަނީ ދުވަސްވެފައިވާ ބައެއް ހެންނެވެ. ޒުވާންކަމުގެ ލައްޒަތްތައް އެމީހުންނަށް އެވަނީ ގެއްލިފައެވެ. އަދި އަހަރެން މިއުޅެނީ “ޓީނޭޖު މިކިޔާ އުމުރުތަކުގައެވެ. އަދި އުމުރުގައި ވަރަށްދުވަސް ބާކީ އެބައޮތެވެ. މީހަކާ އިނދެފައި، ނުވަތަ މުސްކުޅިވުމުން ތަވްބާވެފައި ބުރުގާ އަޅާނީއެވެ. އެހެންނޫނީ ޒުވާންކަމުގެ މިދުވަސްތަކުން ލިބެންއޮތް ލައްޒަތުތައް ގެއްލިގެންދާނެއެވެ.

ބަޔާންވެ މިދިޔައީ، އަޅުގަނޑުމެންގެ މުޖުތަޢުތެރޭގައި، ޝަރުޢީ ބުރުގާއިން ބުރުގާ އެޅުމަށް ހުރަސްއަޅާ ބައެއްސަބަބުތައް ކުރުގޮތަކަށް ބަޔާންވެގެންނެވެ. މިޢުޒުރުތަކުގެ ސަބަބުން ނުވަތަ މީގެން ޢުޒުރެއް މެދުވެރިވުމުން ﷲގެ އަމުރުފުޅުން އިސްތިޘްނާ ވެވިދާނެ ހެއްޔެވެ؟

ލޮބުވެތި އުޚުތާއެވެ! އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާއީ ޙައްޤު އިލާހެވެ. އެއިލާހުގެ ފޮތް އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ފެންނާށެވެ. އެފޮތުގައި، އެއިލާހު ވަނީ އެންމެހާ ކަމެއްގެ ބާރާއި، މީސްތަކުންގެ ރިޒްޤާއި، އެންމެހާ ކަމެއް ހިނގަމުން ދަނީ އެއިލާހުގެ ފުރިހަމަ ބައްލަވާވޮޑިގަތުމުގެ ދަށުން، އެއިލާހުގެ އަމުރުފުޅާއެކުގައި ކަމުގައި އަންގަވާފައެވެ. މިކަންކަމަކީ ﷲ އަކީ އިލާހެއްކަމުގައި އަޅުގަނޑުމެން އީމާންވާނަމަ ހިތުގެ އަޑިން ޤަބޫލުކުރުން ލާޒިމުކަންކަމެވެ. ހަމައެފަދައިން، ﷲ ވަނީ އެއިލާހުގެ ފޮތުގެ އެތައްތަނެއްގައި އެއިލާހުގެ އަމުރުފުޅުތަކަށާއި، އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތަބާވުމަށް އަންގަވާ އަމުރުކުރައްވާފައެވެ. މިބަސްފުޅުތަކާމެދު ވިސްނާފިކުރުނުކުރަނީ ކީއްވެތޯއެވެ؟ ﷲ އެއިލާހުގެ ފޮތުގައި އަންގަވާ ކަންކަމާމެދު ވިސްނާފިކުރުކޮށްލުމަށް ވަގުތުކޮޅެއް ދޭށެވެ!

ﷲ ވަނީ އެއިލާހުގެ ފޮތުގައި މުސްލިމް އަންހެނުން ޝަރުޢީ ޙިޖާބުން ޙިޖާބުވުމަށް އަންގަވާފައެވެ. އެއީ ތިބާއަށް އުނދަގުލަކަށެއް ނޫނެވެ. ހަމަ ތިބާގެ ސަލާމަތާއި ރައްކާތެރިކަމަށާއި ބާއްޖަވެރިކަމަށެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا النَّبِيُّ قُلْ لأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلابِيبِهِنَّ ذَلِكَ أَدْنَى أَنْ يُعْرَفْنَ فَلا يُؤْذَيْنَ وَكَانَ اللَّهُ غَفُوراً رَحِيماً)) (الأحزاب: 59) މާނައީ: “އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި މުއުމިނުންގެ އަންހެނުން އެކަނބަލުންގެ ފޭރާންތަކުން ނިވާވެ ތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި (އެބަހީ އެކަނބަލުންނަކީ، ޢިއްފަތްތެރި އަދި މިނިވަން އަންހެނުންކަން އެނގިގެންވުމަށާއި) އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. ﷲއީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.”

ސުބުޙާނަﷲ! މިއާޔަތުގައި ހަމައެކަނި ޙިޖާބުވުމަށް އަންގަވާފައި ﷲ ފުއްދަވާލެއްވީއެއް ނޫނެވެ. ހަމައެއާއެކު، އެކަމުގެ މުހިއްމުކަމާއި، އެކަމުގެ ބޭނުން މިއާޔަތުގެ ފަހަތުކޮޅުގައި އެވަނީ އަންގަވާ ދެއްވާފައެވެ. ތިބާއީ މުއުމިނު އަންހެނެއްކަމުގައި ވާނަމަ އަވަހަށް މިގޮވާލުމަށް އިޖާބަދިނުމަށް އަވަސްވެގަންނަށް ނުވޭތޯއެވެ؟

ޙައްޤަކީ ޝަރުޢީ ޙިޖާބުވުންކަމުގައި ތިބާއަށް ޤަބޫލުކުރެވޭނެކަމަށް އުއްމީދުކުރަމެވެ. ވީހިނދު، ޙައްޤު އެނގި ބަޔާންވެފައި ވަނިކޮށް، ބާޠިލު މަގުން ހިނގުމަށް ޚިޔާރުކުރާނީ ކިހާބޮޑު މޮޔައެއްތޯއެވެ؟ ވަގުތުފާއިތުވުމުގެ ކުރިން ޙައްޤަށް ރުޖޫޢަވެވަޑައިގަންނަވާށެވެ. ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމުގައި ސާބިތުވެ ހުންނަ، ރިވެތި ނަމޫނާއަކަށް ވާށެވެ. ﷲ ތިބާއަށް ރަޙްމަތް ލައްވާނެތެވެ!

ޝަރުޢީ ޙިޖާބު އެޅުމުގެ ސަބަބުން މުޞީބާތްތަކެއް ޖެހުމަކީ އެކަށީގެންވާކަމެކެވެ. އެކަމާ ހިތާމަކުރުމުގެ ބަދަލުގައި އުފާކުރާށެވެ. ﷲއަށްޓަކައި ތިމާގެ އަމިއްލަ އެދުން ދޫކުރާމީހަކަށްވުރެ މަތިވެރިމީހަކު ހުންނާނެތޯއެވެ؟ އެފަދަ މުޞީބާތުގެ ދަނޑިވަޅުތަކުގައި، ﷲ އަށް ރުޖޫޢަވުމުގެ ވަރުގަދަ ވާފަށުގައި ހިއްޕަވާށެވެ. އަބަދުވެސް ﷲ ގެ ނަޞްރު ލިބޭނީ އެއިލާހުގެ މަގުގައި ޘާބިތުވާ މީހުންނަށްކަން ހަނދާން ބަހައްޓަވާށެވެ. އެދިމާވާ މުޞީބާތްތަކަށް ކެތްކުރުމަކީ، ތިބާގެ ހެޔޮކަމުގެ ތިލަފަތް އިންތިހާއަށް ބަރުވެގެންދާނެކަމެއްކަން ދަންނާށެވެ. ތިބާ ފަދަ ކިތައްތައް ޞާލިޙު މުސްލިމް އަންހެނުން އެގޮތުގައި އުޅޭނެކަން ވިސްނާލައްވާށެވެ.

ހަނދާން ނައްތާނުލައްވާށެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަޤްވާވެރިވާ މީހުންނަށް އެއިލާހުގެ މަދަދާއި ނަޞްރު ލިބޭނެކަން ހަނދުމަކުރައްވާށެވެ. އެއިލާހު ދެއްވަން ހުރި އެއްޗެއް އެއްވެސް މީހަކަށް ނުހުއްޓުވޭނެއެވެ. އަދި އެއިލާހު މަނާ ކުރެއްވި އެއްޗެއް ދެވޭނެ ހަމައެކަކުވެސް ނުވެއެވެ. މުދަލަކީ ﷲގެ މުދަލެވެ. އަޅުގަނޑުމެންނަށް އޮތީ ﷲ އެންގެވިގޮތުގެ މަތީން އެހޯދުމަށް ސަބަބުތަކުގައި ހިފުމެވެ.

ޝަރުޢީ ޙިޖާބުން ޙިޖާބުވުމަކީ ތަޤްވާވެރިކަމެކެވެ. ތަޤްވާވެރިންނަށް ﷲ ދެއްވަވާފައިވާ އުފާވެރިކަން ބައްލަވާށެވެ. ((وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجاً * وَيَرْزُقْهُ مِنْ حَيْثُ لا يَحْتَسِبُ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ)) الطلاق: 2-3 މާނައީ: “އަދި ﷲ އަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒްޤު ދެއްވާނެތެވެ. އަދި ﷲއަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.”

މިއާޔަތުގައި ﷲ އެއަންގަވަނީ އެއިލާހަށް ތަޤްވާވެރިވުމަށެވެ. އަޅުގަނޑުމެން ތަޤްވާވެރިވަނީނަމަ، ދުނިޔެއާއި އާޚިރަތުގައި ދިމާވާ އެންމެހާ މުޞީބާތްތަކުން ސަލާމަތްވާނެ މަގު ދައްކަވާނެތެވެ. އަދި އެމީހަކަށް އެކަލާނގެ ރިޒްޤު ތަނަވަސްކޮށް ދެއްވާނެތެވެ. މިއީ ﷲގެ ވަޢުދުފުޅެކެވެ. އެއިލާހުގެ ވަޢުދުފުޅާ އެއިލާހު ޚިލާފުވެވޮޑިގެންނުވެއެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْراً)) الطلاق: 4 މާނައީ: “އަދި ﷲއަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.”

ކަންމިހެން ހުރިއިރު، ﷲގެ އަމުރުފުޅު ތަކަށް އިޖާބަދޭށެވެ. ތިބާ ހިމާޔަތްކުރެއްވުމުގައި ﷲ ވޮޑިގެންވާނެތެވެ. ތިބާގެ ޢުޒުރުތަކަށް ވުރެ، ﷲގެ އަމުރުފުޅު މީޒާނުގައި ބަރުވެގެންވާކަން ދަންނާށެވެ. ފަހެ، ﷲ އަށްވުރެ ބާރުގަދަ އެއްވެސް ފަރާތެއް ނުވެއެވެ. އަދި ވަކީލު ކުރުމަށް އެއިލާހަށް ވުރެ މަތިވެރިވެގެން ވަނީ ފަހެ ކޮން ފަރާތެއް ހެއްޔެވެ؟

މަސްދަރު: އިލްމު.އެމްވީ