ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއްވެސް ޓާމިނަލެއް ބޭރު ބަޔަކަށް ދޭން ނޫޅޭ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ވެލާނާ އެއާޕޯޓުގެ ސީއައިޕީ/ވީއައިޕީ ޓާމިނަލް ހިންގަން ދުބާއީގެ ކުންފުންޏެއް ކަމަށްވާ 'ޖެޓެކްސް' އާއި ހަވާލުކުރަން އުޅޭ ކަމަށް ބުނެ ވާހަކަތަކެއް ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. އެގޮތުން އެ ކުންފުނިން ޕްރޮޕޯސަލެއް ހުށަހަޅާފައިވާ ކަމުގެ ވާހަކަތަކެއް ވެސް ފެތުރިފައިވެ އެވެ.
މިކަމާ ގުުޅިގެން މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއައިޕީ ޓާމިނަލް ވެސް އަދި އެހެން ޓާމިނަލެއް ވެސް އެއްވެސް ބަޔަކަށް ދޭކަށް އެމްއޭސީއެލް އިން ނުނިންމާ ކަމަށެވެ. އަދި އެފަދަ ކަމަކާއި އެ ކުންފުނިން ނުވެސް އުޅޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޖެޓެކްސް އިން ހުށަހެޅި ކަމަށް ބުނާ ޕްރޮޕޯސަލްގައިވާ ގޮތުން ވީއައިޕީ ޓާމިނަލް ހިންގަން އެ ކުންފުނިން ކުރިއަށް އޮތް 25 އަހަރަށް 25 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ އެވެ. އަދި އަހަރަކު، 5 މިލިއަން ޑޮލަރު އެމްއޭސީއެލްއަށް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ޖެޓެކްސް އަކީ ދުބާއީގައި ހުންނަ ޕްރައިވެޓް އޭވިއޭޝަން އެންޑް ފްލައިޓް ސަޕޯޓް ކުންފުންޏެކެވެ.
ވީއައިއޭގެ އާ ޓާމިނަލް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށް، މި މަހުގެ 26ގައި ހުޅުވަން އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެ.