ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ކުރިމަތިލާން ޖެހިއްޖެ އެވެ
ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީ ސެމީއަށް ދަތުރުކުރީ ކުއާޓާފައިނަލްގައި ބަޔާން މިއުނިކް 2-0 އިން ބަލިކުރުމަށްފަހު އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފުގެ ކުރީކޮޅު ބަޔާންގެ ޖަމާލް މުސިއާލާގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކުރަން ޖެހިފަ އެވެ.
މެޗުގައި ޕީއެސްޖީން ލީޑުނެގީ، 78 ވަނަ މިނިޓްގަ އެވެ. އެގޮތުން ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ޑޫއޭ އެވެ. ޕީއެސްޖީން ލީޑުނެގިތާ ހަތަރު މިނިޓް ފަހުން، އެ ޓީމުގެ ޑިފެންޑަރު ޕަޗޯ ކުރި ނުރައްކާތެރި ފައުލަކަށް ރަތް ކާޑެއް ދެއްކިއިރު، އޭގެ އިރުކޮޅެއް ފަހުން ޓީމުގެ ލޫކަސް ހެނާންޑޭޒަށް ވެސް ވަނީ ރަތް ކާޑު ދައްކާފަ އެވެ.
ނުވަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޕީއެސްޖީން ދެވަނަ ގޯލު ކާމިޔާބު ކުރީ ފަހު ވަގުތުކޮޅުތެރެ އެވެ. އެގޮތުން އަޝްރަފް ހަކީމީ ދިން ބޯޅައަކުން މި ގޯލު ކާމިޔާބުކުރީ އޮސްމާނޭ ޑެމްބެލޭ އެވެ.
ރެއާލް މެޑްރިޑް ސެމީގެ ޖާގައެއް ކަށަވަރުކުރީ ބްރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ. މެޗުގެ 10 ވަނަ މިނެޓްގައި ގޮންޒާލޯ ގާސިއާގެ ގޯލުން ރެއާލުން ލީޑު ނެގިއިރު، އޭގެ 10 މިނެޓް ފަހުން ފްރޭން ގާސިއާ ވަނީ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
އިތުރު ވަގުތުގެ ހަތް މިނެޓްގެ ތެރެއިން ދެވަނަ މިނެޓްގައި ޑޯޓްމަންޑްގެ މެކްސިމިލިއަން ބެއިއާ ގޯލެއް ކާމިޔާބުކުރި ނަމަވެސް އޭގެ ދެ މިނެޓް ފަހުން ކިލިއަން އެމްބާޕޭގެ ހިތްގައިމު ގޯލާއެކު ރެއާލުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޑޯޓްމަންޑްގެ ގުރާސީއަށް ކުރި ފައުލަކާއި ގުޅިގެން ރެއާލްގެ ޑިފެންޑަރު ޑީން ހައުސަން އަށް ވަނީ ރަތްކާޑު ދައްކައި ޑޯޓްމަންޑަށް ޕެނަލްޓީ ދީފަ އެވެ. މި ޕެނަލްޓީ ޑޯޓްމަންޑަށް ކާމިޔާބުކޮށްދިނީ ގުރާސީ އެވެ.
ރެއާލް އާއި ޕީއެސްޖީ ބައްދަލުކުރާ ސެމީފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. އަނެއް ސެމީގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ ޗެލްސީ އާއި ފްލުމިނެންސޭ އެވެ.