ބިލިއަނަރު އިލޮން މަސްކް އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމަވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަސްކް ވިދާޅުވީ އޭނާ އުފައްދާ "އެމެރިކާ ޕާޓީ" އަކީ އެގައުމުގައި މިހާރު އޮތް އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީއާ ޗެލެންޖު ކުރާނެ ޕާޓީއެއް ކަމަށެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކުގައި މި ޕާޓީ ރަސްމީކޮށް މިހާތަނަށް ރަޖިސްޓްރީ ކުރި ކަމެއް އަދި މި ޕާޓީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ކާކު ކަމެއް މަސްކް ހާމަކުރައްވާފައެއް ނުވެ އެވެ.
މަކްސް އަކީ މިދިޔަ ރިޔާސީ އިންތިހާބު އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ފަރާތެކެވެ. އެގޮތުން ޓްރަމްޕްގެ ކެމްޕޭނަށް މަކްސް 290 މިލިއަން ޑޮލަރު ހަރަދު ކުރެއްވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ނަމަވެސް އެމެރިކާ ސަރުކާރުން ކޮންގްރެސް އަށް ހުށަހެޅި ޓެކްސް ބިލާއެކު މަސްކް އާއި ޓްރަމްޕްގެ ގުޅުން ވަނީ ހީނަރުވެގެން ގޮސްފަ އެވެ. އެގޮތުން މަސްކް ވަނީ އެ ބިލަކީ "ނުބައި ހަޑިމުޑުދުދާރު އެއްޗެއް" ކަމަށް ވިދާޅުވެ އެ ބިލަށް އަދި ޓްރަމްޕުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ. އެއާއެކު ދާދިފަހުން މަސްކް އާއި ޓްރަމްޕާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ވެސް ބަދަލުކޮށްފައިވެ އެވެ.
ޓްރަމްޕާއި މަސްކްގެ ގުޅުން ހީނަރުވެފައިވާއިރު، މަސްކް ވަނީ ޓްރަމްޕު ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ މަސައްކަތުގައި ވެސް ދުވަސްތަކެއް ވަންދެން އުޅެފަ އެވެ.