Last Updated: July 8, 10:23
Tuesday, July 8, 2025
ޚަބަރު

ސޮނެވާ ޖާނީގެ ފްރޮންޓް އޮފީސް މެނޭޖަރަކަށް ނިހްރީރު

ސޮނެވާ ޖާނީ ރިސޯޓްގެ ފްރޮންޓް އޮފީސް މެނޭޖަރުގެ މަގާމަށް އަލީ ނިހްރީރު ޕްރޮމޯޓްކޮށްފި އެވެ.

އައްޑޫ ފޭދު އަށް އުފަން ނިހްރީރަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާތާ 19 އަހަރުވެފައިވާ މީހެކެވެ. އޭނަ މިހާތަނަށް އެކި ރިސޯޓްތަކުގައި އެކި މަގާމުތައް އަދާކޮށްފައިވެ އެވެ. އެގޮތުން އޭނަ އަކީ ފްރޮންޓް އޮފީސް ދާއިރާ އާއި އެފްްއެންޑްބީ ދާއިރާގައި ގިނަ މަސައްކަތްތަކެއްކޮށް ތަޖުރިބާ ހޯދާފައިވާ މީހެކެވެ.

ސޮނެވާނީ ޖާނީގެ ލައިފް ކިއުރޭޓާ ނުވަތަ ފްރޮންޓް އޮފީސް މެނޭޖަރުގެ މަގާމަށް ނިހްރީރް ޕްރޮމޯޓްވުމާ ގުޅިގެން މަރުހަބާ ކިޔައި، ސޮނެވާ ޖާނީން ބުނީ އޭނަގެ ތަޖުރިބާގެ އަލީގައި ރިސޯޓް ފްރޮންޓް އޮފީސް ދާއިރާ އަށް މިހާރަށް ވުރެ ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށާއި އޭނަ އަކީ ވަރަށް ގާބިލު މީހެއް ކަމަށެވެ.

އެ ރިސޯޓާ ނިހްރީރު ގުޅުނީ 2021 ގަ އެވެ. އެއީ ލައިފް ޓީމާ ލީޑަރެއްގެ ގޮތުގަ އެވެ. އަދި ޖެހިގެން އައި އިރުގެ ފަހުކޮޅު އޭނަ އެސިސްޓަންޓް ލައިފް މެނޭޖަރުގެ މަގާމަށް ޕްރޮމޯޓްކޮށްފައިވެ އެވެ.

ހޮޓެލިއާ މޯލްޑިވްސް އަށް ދިން އިންޓަވިއުއެއްގައި ނިހްރީން ބުނީ ސޮނެވާ ޖާނީގައި މަސައްކަތްކުރާތާ ހަތަރު އަހަރުވީ އިރު ރިސޯޓާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެތަނަކީ މަސައްކަތް ކުރަން ވަރަށް ވެސް ހިތްގައިމު ތަނެއް ކަމަށެވެ.

ކުރިން އައްޑޫ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގައި ވެސް މަސައްކަތްކުރި ނިހްރަކީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އައްޑު އަށް ނިސްބަތްވާ ގިނަ ބަޔަކު މަސައްކަތްކުރަމުން އަންނަ އިރު، އެ ދާއިރާގެ އެކި ފަންތީގެ ވަޒީފާތަކުގައި އައްޑޫގެ މީހުން ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި ރިސޯޓްތަކުގެ އެންމެ މަތީ މަގާމުތައް އަދާކުރާ މީހުން ވެސް ހިމެނެ އެވެ.