Last Updated: July 8, 10:52
Tuesday, July 8, 2025
ޚަބަރު

ވިޒިޓް މޯލްޑިވްސް އެމްބެސެޑަޝިޕަށް ހުޅުވާލައިފި

އެމްއެމްޕީއާރްސީގެ އެމްޑީ އިބްރާހީމް ޝިއުރީ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރިއަށް ކުރިއަށް ގެންދާ "ވިޒިޓް މޯލްޑިވްސް" ގެ އެމްބެސެޑާޝިޕް ޕްރޮގްރާމަށް ކުރިމަތިލާން ދިވެހިންނަށް ހުޅުވާލައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ މިއީ ރާއްޖޭގެ އުފެއްދުންތެރި ފަންނާނުން ބައިވެރިކޮށް، އެ ފަރާތްތަކުގެ އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމުގެ ފުރުސަތު ފޯރުކޮށް ދިނުމަށް އަމާޒުކޮށްގެން ތަޢާރަފުކުރި ޕްރޮގްރާމެއް ކަަމަށެވެ.

އެގޮތުން މި ޕްރޮގްރާމަކީ ސަގާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤްބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށް ތައާރަފްކުރެވޭ ޕްރޮގްރާމެއް ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

ވިޒިޓް މޯލްޑިވްސް އެމްބެސެޑާޝިޕް ޕްރޮގްރާމްގެ އެންމެ ބޮޑު މަގުސަދަކީ އެކި ދާއިރާތަކުގެ ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި، ތަފާތު ފަންނީ އުފެއްދުންތައް ދައްކުވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކާއެކު މަސައްކަތްކޮށް ދިވެހި ސަޤާފަތާއި، ތަރިކަ އާއި، އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމެވެ. އެގޮތުން މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބި، ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވިޒިބިލިޓީ ވެސް ލިބިގެންދާނެ އެވެ.

އެހެންވެ އުފެއްދުންތެރި އަދި ޤައުމުގެ އަމިއްލަވަންތަކަމާއި، ސަޤާފަތާއި، ޤުދުރަތީ ރީތިކަން ތަމްސީލު ކުރުމަށް ޝައުޤުވެރިވާ ހުރިހާ ދިވެހި ފަންނާނުންނަށް ފުރުސަތު އޮތީ ހުޅުވާލެވިފައި ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ މީހުން އެ ފަރާތެއްގެ ވަނަވަރާއި، ފަންނީ ޕޯޓްފޯލިއޯ އާއި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ހުށަހަޅާ ޚިޔާލުތައް ހިމެނޭ ކުރު ޕްރޮޕޯޒަލްއެއް ތައްޔާރުކޮށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން އެމްއެމްޕީއާރްސީން އެދެ އެވެ. މެއިލް އެޑްރެހަކީ proposals@visitmaldives.com މި އެވެ.

ހުށަހަޅަން ޖެހޭ ވަކި ސުންގަޑިއެއް އަދި ކަނޑައަޅައިފައެއް ނެތެވެ.