ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިކަން އަދި ރައީސް އޮފީހުން ހާމަނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި ތިން ދުވަހުގެ ދަތުރެއްގައި ރައީސް ނ. އަތޮޅަށް ފުރާވަޑައިގަންނަވާނީ މާދަމާ އެވެ. އެގޮތުން އެކި ރަށްތަކަށް ވައިގެން ތަރައްގީގެ އެކި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށް ދެއްވުމާއި ފައްޓަވައި ދެއްވުން ފަދަ ރަސްމިއްޔާތު ބާއްވައި ރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލު ކުރައްވާނެ އެވެ.
ރައީސް މީގެ ކުރިން ވެސް ވަރަށް ގިނަ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ވެސް ބައްދަލު ކުރައްވާފައިވާ ގޮތަށް ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކާ ބައްދަލު ކުރައްވާނެ އެވެ.
ރައީސްގެ ދަތުރުގައި ސަރުކާރުގެ އިސް ވަފުދެއް ވެސް ބައިވެރިވާނެ ކަމަށް އެނގިފައިވެ އެވެ.
ރައީސް މުއިއްޒު މާދަމާ ނ. އަތޮޅަށް ވަޑައިގަންނަވާ އިރު، ވެރިކަން ކުރާ ޕީއެންސީން އަތޮޅުތަކަށް މިހާރު ކުރަމުން އަންނަ ދަތުރުތަކުގެ ތެރެއިން އެ ޕާޓީގެ ޓީމެއް އަންނަނީ އެ އަތޮޅުގައި ވެސް ހަރަކާތްތެރިވަމުންނެވެ.