Last Updated: July 8, 09:24
Tuesday, July 8, 2025
މުނިފޫހިފިލުވުން

މިއީ ރަންވީރުގެ 40 ވަނަ އުފަން ދުވަހުގެ ހަދިޔާ

ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގުގެ 40 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި މިއަދު އޭނަގެ އާ ފިލްމު "ދުރަންދާރު" ގެ ފަސްޓްލުކް ޓީީޒާ ފޭނުންނަށް ދޫކޮށްލައިފި އެވެ.

މަޝްހޫރު ބަތަލާ ދީޕިކާގެ ފިރިމީހާ މި ފިލްމުގައި ބިޔަ، ވަރުގަދަ ކެރެކްޓާއަކުންނެވެ. "ދުރަންދާރު" ގެ ޓީޒާ އިން ރަންވީރު ފެންނަ ގޮތަށް ބަލާއިރު ހަނދާން އާކޮށް ދެނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2018 ގެ "ޕަތުމާވަތު" ގައި އޭނަ ފެނިގެން ދިޔަ ގޮތާ އެވެ. އެގޮތުން ވަރުގަދަ ބިޔަ ހަށިގަނޑާއި ދިގު އިސްތަށިގަނޑަކީ "ދުރަންދާރު" ގައި ވެސް ރަންވީރުގެ ލުކެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު މަހުގެ 5 ގަ އެވެ. މީގެ ޑައިރެކްޓަރަކީ ވިކީ ކޯޝަލް އަށް ނެޝަނަލް އެވޯޑް ލިބުނު 2019 ގެ ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެނެސްދިން އަދިތިޔާ ދާރެވެ. އޭނަ އަކީ އެ ފިލްމުގެ ބަތަލާ ޔާމީ ގޯތަމްގެ ފިރިމީހާ އެވެ.

"ދުރަންދާރު" އިން ރަންވީރާ އެކު ވަރަށް ވަރުގަދަ ކާސްޓެއް ފެންނާނެ އެވެ. އޭގެ ތެރޭގައި ސަންޖޭ ދަތު، އަކްޝޭ ކަންނާ، އާރް މާދްވަން އަދި އަރުޖުމް ރާމްޕާލް ހިމެނެ އެވެ. ޓީޒާ އިން ވެސް އެ ތަރިން ވެސް ފިލްމު ފެންނާނެ ގޮތް ދައްކާލައިފަ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރަންވީރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" އިންނެވެ.