މާލޭގެ ގެއަކުން ވަގަށް 60،000ރ. އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ކުރަމުން ދިޔަ މަސައްކަތުން، އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައި ވަނީ 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން މައްޗަންގޯޅީގެ ގެއަކުން ގެއިން ވަގަށް ނެގި ތަކެތީގެ ތެރެއިން ފުލުހުންގެ މަސައްކަތުން މިހާތަނަށް ހޯދިފައިވާ ތަކެތީގެ ތެރޭގައި، އައިފޯނު، ލެޕްޓޮޕް، އެކި ބްރޭންޑުތަކުގެ އަވިއައިނު، ޕްރިންޓަރު،، އެކި ބްރޭންޑުތަކުގެ ހާޑު އަދި ސްޕީކަރުގެ އިތުރުން އަތުކުރީ ގަޑި އާއި އެހެނިހެން ތަކެތި ހިމެނެ އެވެ.
ގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމްލަ އަގު 72،000ރ. ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ގޭގެ ވެސް ވެރިފަރާތާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި ވައްކަމުގައި އަދި މިހާތަނަށް ނުފެނިވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ވައްކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި މާލޭގެ ގެއަކުން ލައްކައަކަށް ވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.